ރާއްޖޭގެ ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން، ކުރިއަށް އޮތް 2026/2027 ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ރީޖަނަލް ލީގު ކޮލިފިކޭޝަންގައި ނޯތު ރީޖަން ލީގު ތިންވަނަ މެޗުގައި ހަނިމާދޫ ބަލިކޮށް ދިއްދޫ ތާވަލްގެ ކުރިއަށް ޖެހިލައިފިއެވެ.

ދިއްދޫ މިއަދުގެ މެޗު ކާމިޔާބު ކުރީ ހަނިމާދޫ 2-1 އިން ބަލިކޮށްގެންނެވެ.

Ad
rt

މިއަދު މެޗުގެ ފުރަތަމަ ހާފު ފެނުނީ ދިއްދޫ ކޮންޓްރޯލް ނަގައިގެން ކުޅުނުތަނެވެ. މި ހާފުގައި ހަނިމާދޫ ބޮޑަށް ކުޅުނީ ޑިފެންސިވް ގޭމެކެވެ.

މެޗުގައި 7 ވަނަ މިނިޓްގައި ދިއްދޫ ބިދޭސީ ކުޅުންތެރިޔާ ޖޯޒީ ނަންބަރު 28 ޑީޖޭ އަށް ރަނުގެ ފުރުސަތެއްލިބި ބޭކާރުވިއެވެ. އެއިގެ ފަހުން ދިއްދޫގެ ލަނޑު މެޗުގެ 15 މިނިޓްގައި ޖޯޒީ ނަންބަރު 28 ޑީޖޭ ޖަހައިދިނުމާއި ހަމައަށް ވެސް ދިއްދޫ އަށް ރަނުގެ ދެ ފުރުސަތުލިބި ބޭކާރުވިއެވެ. އަދި ދިއްދޫގެ މި ހަމަލާތަކުގެ ތެރެއިން ހަނިމާދޫގެ އަލީ ހުސައިން (ދަގަނޑޭ) ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދައި ނާކާމިޔާބުވެފައެވެ. މި ހާފުގެ ފަހު 10 މިނިޓްގައި ހަނިމާދޫ ވަނީ ކުޅުން ރަނގަޅުކޮށް ދިއްދޫގެ ގޯލަށް ނުރައްކާކޮށްފައެވެ.

ދިއްދޫގެ ދެވަނަ ލަނޑު ފެނުނީ މެޗުގެ 54 ވަނަ މިނިޓްގައެވެ. މިއީ ވެހެމުންދިޔަ ބޯވާރޭގެ ތެރޭގައި ދިއްދޫ އިން ކާމިޔާބު ކުރި ލަނޑެކެވެ. ބޯވާރޭ އަށްފަހު ދަނޑުގެ ބައެއް ދިމާތަކުގައި ފެން ހެދިފައި ހުރުމުގެ ސަބަބުން މެޗުގައި ދެ ޓީމަށް ވެސް ކުޅުމުގައި ދަތިތައް ކުރިމަތިވެގެން ދިޔަތަން ފެނުނެވެ.

މެޗުގެ 85 ވަނަ މިނިޓްގައި ހިނގި ހަމަނުޖެހުމަކާއި ގުޅިގެން ރެފްރީ ވަނީ 86 ވަނަ މިނިޓްގައި ދިއްދޫގެ ޖޯޒީ ނަންބަރު 12 މުހައްމަދު ސަނާއު ނަސީރު އަށް ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. އަދި އެހަމަނުޖެހުމާއި ގުޅިގެން އެ ޓީމުގެ ޖޯޒީ ނަންބަރު 20 ޢަބުދުﷲ އަޝްފާގް އަށް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ.

މި މެޗުގައި ފަހު ހާފުގައި ހަނިމާދޫ ވެސް ކުޅުން ރަނގަޅުކޮށް ހަމަހަމަކުޅުމެއް ފެނިގެން ދިޔައިރު ހަނިމާދޫގެ ލަނޑު ފެނުނީ މެޗުގެ އިތުރުވަގުތުގައި 95 ވަނަ މިނިޓްގައެވެ. މިއީ އަލީ ހުސައިން (ދަނގަޑޭ) ޖެހި ހިލޭ ޖެހުން ހަނިމާދޫ ކުޅުންތެރިއަކު ގޯލަށް ޖަހަން މަސައްކަތް ކުރުމުގެ ތެރޭ ކީޕަރ މަތަކޮށް އޭރިއާ ބޭރަށް ފޮނުވާލި ބޯޅަ ޖޯޒީ ނަންބަރު 11 ނޫރުﷲ ތޯހާ ބާރު ބޯޅައެއް ޖަހައި ގޯލަށް ވައްދާލައިގެން ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗަށް ނުކުތްއިރު ހަނިމާދޫ މަނަދޫ މެޗުން 5-0 އިން މޮޅުވެ ހޯދި 3 ޕޮއިންޓާއި، ދިއްދޫ އޭދަފުށި 2-1 އިން ބަލިކޮށް ހޯދި 3 ޕޮއިންޓާއެކު ޕޮއިންޓްގެ ގޮތުން ހަމަހަމަވެފައި އޮތުމާއެކު، މިއަދު މޮޅާއެކު ދިއްދޫ ވަނީ 6 ޕޮއިންޓާއެކު ތާވަލުގެ ކުރިއަށް ޖެހިލާފައެވެ.

ނޯތު ރީޖަނަލް ލީގުގައި މާދަމާ ކުޅޭނީ އޭދަފުށި އަދި މަނަދޫ މެޗެވެ.