މާލޭގެ ރަށްވެއްސަކަށްވިތާ އެއް އަހަރު ދުވަސް ހަމަނުވި ނަމަވެސް، މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތްތަކަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލެވޭ ގޮތަށް ހައުސިން މިނިސްޓްރީން އުސޫލަށް ބަދަލު ގެނެސްފިއެވެ.

މި ބަދަލާއެކު، މި ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެނަށް' ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓަށް ހުށަހެޅުމުގެ ފުރުސަތު އިތުރު ބަޔަކަށް ވަނީ ހުޅުވިފައެވެ.

Ad
rt

ހައުސިން މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި، މާލޭގައި މެދުނުކެނޑި 15 އަހަރު އުޅުނުކަމުގެ ލިޔުމާއި ރަށްވެހިވި ތާރީހު އެނގޭނެ ލިޔުން ހުށަހެޅުމުން، ރަށްވެހިވިތާ އަހަރެއް ނުވި ނަމަވެސް ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހެޅޭނެއެވެ. މިއީ މާލޭގައި ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅެމުންދާ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ގެނައި ލުޔެކެވެ.

މި ފުރުސަތު ލިބޭނީ މާލޭގައި މެދުނުކެނޑި 15 އަހަރު އުޅުނުކަމުގެ ލިޔުމާއި ރަށްވެހިވި ތާރީހު އެނގޭނެ ލިޔުން ހުށަހެޅުމުންކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

މި ބަދަލުތަކާއެކު "ބިންވެރިޔާ" ސްކީމަށް ތިންވަނަ ކެޓަގަރީއެއް އިތުރުކޮށް، އުސޫލަށް ވަނީ އިސްލާހު ގެނެސްފައެވެ. އަލަށް އިތުރުކުރި މި ކެޓަގަރީގެ ދަށުން، ކުރީގެ ބިންވެރިޔާ ސްކީމުން ލިބުނު ގޯތި ދޫކޮށްލުމަށްފަހު، ފްލެޓަށް ނުވަތަ ވަކިން ގޯއްޗަށް އެދުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.

ސަރުކާރުގެ މި ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ދަށުން ގްރޭޓާ މާލެ ސަރަހައްދާއި ރަސްމާލޭން ޖުމްލަ 15,000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި 1,250 އަކަފޫޓުގެ ގޯތިތައް ހިމެނޭއިރު، މާލޭ ރަށްވެހިންނަށް ހާއްސަކޮށް 10,000 ގޯއްޗާއި 4,000 ފްލެޓު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ގްރޭޓާ މާލެ ސަރަހައްދުން 7,900 ފްލެޓު ދޫކުރުމަށްވެސް ވަނީ ކަނޑައަޅާފައެވެ.

މި ސްކީމްތަކަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ މި މަހުގެ ނިޔަލަށެވެ. އެހެންކަމުން ޝަރުތުހަމަވާ ފަރާތްތަކުން މުއްދަތު ހަމަވުމުގެ ކުރިން ފޯމު ހުށަހެޅުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.