ސްކޫލް ދައުރު އެކުގައި އުޅުނު އެކުވެރިންނާއެކު ނަމާދު ކުރުމާއި މިސްކިތަށް ދިޔުމުގައި ވާދަ ޖެހުމަކީ އޭނާ ވަރަށް ކުރާ ހިތްވާ ކަމެކެވެ. އޭރު ވެސް އޭނާގެ ހިތުގައި ވާދަވެރިކަން އުފެދިފައި އޮންނަނީ ދީނީ ކަންކަމުގައެވެ. މަދްރަސީ ޙަޔާތް ނިންމާލުމަށްފަހު ކުރިއަށް ދާންވީ މިސްރާބާމެދު ކޮންމެ ކުއްޖަކު ވެސް ވިސްނާނެކަން ޔަޤީނެވެ. އެ ގޮތުން ހދ މަކުނުދޫއަށް އުފަން އަޙްމަދު ރިފްޢަތުގެ ހިތުގައި އޭރު ވެސް އޮތީ ދީނީ ޢިލްމު ޙާޞިލް ކުރުމުގެ ޝައުޤުވެރިކަމެވެ. އެންމެ ފުރަތަމަ ވެސް އޭނާ ބޭނުންވީ ޤުރްއާން އުނގެނޭށެވެ. އެހެންކަމުން ޤުރުއާނާބެހޭ މަރުކަޒުން ޤާރީ ލެވެލް 3 ނިންމައި، އެމް.އެން.ޔޫ އިން "އިސްލާމިކް ސްޓަޑީޒް އެޑްވާންސް" ހަދައި "ޢަރަބިކް ޑިޕްލޮމާ" ވެސް އޭނާ ފުރިހަމަ ކުރިއެވެ. އެއަށްފަހު މަކުނުދޫ ސްކޫލްގައި ޢަރަބި މުދައްރިސެއްގެ ގޮތުގައި ގާތްގަނޑަކަށް 3 އަހަރު މަސައްކަތް ކުރިއެވެ.
ސްކޫލް ދައުރުން ފެށިގެން ދީނީ ކަންކަމާއި ދީނީ ޚަރަކާތްތަކުގައި ޢަމަލީ ގޮތުން ރިފްޢަތު އަބަދުވެސް ބައިވެރިވެއެވެ. އެ ގޮތުން ދީނީ ޚަރަކާތްތައް ހިންގަން އިސްކޮށް އުޅޭ ކުދިންނާއެކު، ދަރުސްތައް ރާވައި، އިންތިޒާމް ކުރަން އޭރު އުޅެވުނުކަމީ އޭނާގެ ހިތުގައި އެ ފަދަ ކަންކަމަށް އޮތް ޝައުޤުވެރިކަން އިތުރުވެގެން ދިޔަ ކަމަކަށެވެ.
މަދީނާ ޔުނިވަރސިޓީން ކޯސްތަކަށް ފުރުޞަތު ހުޅުވާލުމާއެކު 2016 ވަނަ އަހަރު، ރިފްޢަތު ވެސް ކޯހަށް ކުރިމަތިލީ ވަރަށް އުއްމީދާއެކުއެވެ. މާތްﷲގެ ތަނަވަސް ރަޙްމަތްފުޅުން ކޯހުން ޖާގަ ލިބުނީ ކުރިމަތިލީތާ ހަތަރު އަހަރު ފަހުންނެވެ. އެއީ ސައުދީން ބާއްވާ "ޢިލްމުވެރިންގެ ދައުރާ"ގައި ބައިވެރިވެ، އިންޓަވިއުވެސް ކޮށްގެންނެވެ. އެ ދިގު އިންތިޒާރުގެ ނިމުން ކިތަންމެ ފޮނިކަމުގައި ވިޔަސް، ރިފްޢަތުގެ އިންތިޒާރު އިތުރަށް ދިގުލާންފެށީ، ކޮވިޑްގެ ބަލިމަޑުކަމުގައި ކޯހަށް ފުރޭ ގޮތް ނުވުމުންނެވެ. ރާއްޖޭގައި ހުރެގެން އޮންލައިންކޮށް، ކޯސް ފަށައި، އެއް ސެމިސްޓަރ ނިންމުމަށްފަހު އޭނާއަށް ފުރޭގޮތް ވީ 2021 ވަނައަހަރެވެ.
މަކުނުދޫގެ ފުރަތަމަ ޝައިޚް، ޝައިޚް ރިފްޢަތު،
މަދީނާގައި ދިރިއުޅެން ފެށުމާއެކު އާއިލާ މަތިން ހަނދާންވެ އެ ފަޅުކަން އޭނާއަށް އިޙްސާސް ކުރެވުނެވެ. އެ ދިގު ދަތުރުގައި އޭނާ އެންމެ ދެރަވާންޖެހުނީ ވެސް، އަނބިދަރިންނާއި އާއިލާއާ ދުރުގައި އެހާ ގިނަ ދުވަހު އުޅެން ޖެހުމުންނެވެ. ލޯބިވާ މަންމަގެ ފޯންކޯލަކީ އޭނާގެ ދުވަސް އުފާވެރި ކޮއްދޭ އެއް ސަބަބެވެ. ރިފްޢަތާ ނުލައި، އަނބިމީހާ، ދަރިން ގޮވައިގެން ދުވަސްތައް ހޭދަކުރާނެ ގޮތް އޭނާގެ ސިކުނޑީގައި އަބަދުވެސް ހަރުލާފައި ހުރެއެވެ. އޭނާ ދެކެނީ އެއީ ވެސް މަތިވެރި ޤުރުބާނީއެއްކަމުގައެވެ.
ލިބޭ ކޮންމެ ޗުއްޓީއެއްގައި ބޭނުން ކޮންމެ ކުއްޖަކަށް ޤައުމަށް ދާން ފުރުޞަތު ފަހިވެގެން ދިޔުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. މަދީނާގައި ހުރި އިރު އޭނާ އެންމެ އިންތިޒާރު ކުރާ ދުވަހަކީ ވެސް އެއީއެވެ.
ރިފްޢަތަކީ އޭނާގެ އުފަށް ރަށް، ހދ. މަކުނުދޫގައި ފުރަތަމަ ފަހަރަށް ޝެއިޚެއްގެ ލަޤަބު އުފުލާލި ރަށުގެ ފަޚްރުވެރި ދަރިއެކެވެ. ނަމަވެސް އެ ލަޤަބާއި ޝަރަފާއި ފަޚުރަށް ވުރެ ބޮޑަށް އޭނާ ދެކެނީ އެއީ ބޮލުގައި އެޅުނު ވަރަށް ބޮޑު ޒިންމާއަކާއި މަސްޢޫލިއްޔަތެއްގެ އިތުރުން ދީނީ ވާޖިބެއްގެ ގޮތުގައެވެ. އެއީ އޭނާ އެކަން އުފަލާއެކު ބަލައިގަންނަ ގޮތެވެ. ދީން ފަތުރައި، ދީން ރައްކާތެރިކުރުމަކީ ވަރަށް މާތް މަސައްކަތެއްގެ ގޮތުގައި އޭނާ ދެކެއެވެ.
މަކުނުދޫގެ ފުރަތަމަ ޝައިޚް، ޝައިޚް ރިފްޢަތު އުނެގުނު މަދީނާ ޔުނިވާސިޓީ
ދީނީ ޢިލްމު އުނގެގެން ބޭނުންވާ ކުދިންނަށް ފަހި ފުރުޞަތުތަކެއް " މަދީނާ ޔުނިވަރސިޓީ" ގައި ހުރިކަން ރިފްޢަތު ފާހަގަ ކުރިއެވެ. މިހާރުން މިހާރަށް ވެސް އެ ފުރުޞަތުތަކަށް ކުރިމަތިލެވޭނެއެވެ. ދީނީ ޢިލްމު އުނގެނި، ލިބުނު ޢިލްމު އެހެން މީހުންނަށް ފޯރުކޮށްދިނުމަކީ ހިތަށް ހަމަޖެހުން ލިބި، އުފާވާ ކަމެއްކަމުގައި އޭނާ ބުންޏެވެ.
ރިފްޢަތު ބުނި ގޮތުގައި އޭނާގެ ދަތުރު ކާމިޔާބުވުމުގައި ވަރަށް ގިނަ މީހުންގެ އެހީތެރިކަމާއި ހެޔޮ ދުޢާ ވެއެވެ. ކޯސް ފެށުނު އިރު އޭނާ ހުރީ މަކުނުދޫ ސްކޫލްގެ މުދައްރިސެއްގެ ގޮތުގައެވެ. އެހެންކަމުން އޭނާގެ ކޯހުގެ ވަގުތުތަކަށް ބުރޫ ނާރާނެހެން ސްކޫލްގެ ގަޑިތައް ހަމަޖައްސައިދެއްވި ކަމަށްޓަކައި މަކުނުދޫ ސްކޫލްގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އެހީތެރިކަން ރިފްޢަތު ޝުކުރުވެރިކަމާއެކު ފާހަގަ ކުރިއެވެ. އަދި އާއިލާއާއި ރައްޓެހިންގެ އިތުރުން މަކުނުދޫގެ ލޮބުވެރި ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން އޭނާ ޝުކުރުވެރިވެއެވެ. އަދި އެ ޝަރަފް އޭނާ ޚާއްސަ ކުރަން ބޭނުންވަނީ ވެސް މަކުނުދޫގެ ލޮބުވެތި ރައްޔިތުންނަށެވެ.
ރިފްޢަތުގެ ކިޔެވުމަށް އެއްބާރުލުން ދެއްވި ފަދައިން އޭނާ ޔަޤީން ކުރަނީ ދީނީ ޢިލްމު ފޯރުކޮށްދިނުމުގައި ވެސް މަކުނުދޫގެ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން ދާނެ ކަމަށެވެ. އެންމެން އެކީ އެއް ރޫޙެއްގައި ދީނީ ގޮތުން ހޭލުންތެރި މުޖުތަމަޢުއަކަށް މަކުނުދޫ ހަދައި އެހެން ރަށްރަށަށް ނަމޫނާ ރަށަކަށް މަކުނުދޫ ހެދުމަކީ ރިފްޢަތުގެ ޢަޒުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!