ކުށްމަދު އަމާން މުޖުތަމައެއް ބިނާކޮށް ކުށްތަކުން ބެލެނިވެރިންނާއި ސްކޫލު ދަރިވަރުން ރައްކާތެރިކުރުވުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ނެއްލައިދޫ ސްކޫލުގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަހުގެ 14 ވަނަ ދުވަހު ނެއްލައިދޫ ސްކޫލުގައި ބޭއްވި މި ސެޝަނަކީ ނެއްލައިދޫ ޕޮލިސް ޕޯސްޓާއި އެ ސްކޫލު ގުޅިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. މި ސެޝަނުގައި ބެލެނިވެރިންނަށް މައުލޫމާތު ދީފައިވަނީ ނެއްލައިދޫ ޕޮލިސް ޕޯސްޓުގައި މަސައްކަތްކުރާ ފުލުހުންނެވެ.

Ad
rt

ފުލުހުންގެ ޚިދުމަތުން ބުނިގޮތުގައި މި ސެޝަނުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ކުޑަކުދިންގެ ފަރާތުން ފެންނަ ނުރަނގަޅު އާދަތައް ހައްލުކުރުމަށެވެ. އެގޮތުން ކުޑަކުދިން އެކަނި ބައިސްކަލް ދުއްވުމާއި، ލައިސަންސް ނެތި އުޅަނދުފަހަރު ދުއްވުމާއި، ރައްކާތެރިކަމެއް ނެތި ކަނޑުއުޅަނދުފަހަރުގައި ދަތުރުކުރުމުގެ އިތުރުން ރޭގަނޑު ދަންވަންދެން ބޭރުގައި އުޅޭ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. މިފަދަ ކަންކަން ހައްލުނުވާނަމަ ނިކުމެދާނެ ނުރަނގަޅު ނަތީޖާތަކާއި، މުޖުތަމައުގައި ކުށްތަކަށް އަރައިގަންނަ ކުދިން މަދުކުރުމަށް ބެލެނިވެރިންގެ ދައުރުގެ މުހިންމުކަން ފުލުހުން ފާހަގަކުރިއެވެ.

މީގެ އިތުރުން، ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ބެލެނިވެރިންގެ މައްޗަށް ލާޒިމުކުރާ ކަންކަމަށް ބެލެނިވެރިން އަހުލުވެރިކުރުވާފައިވެއެވެ. ދަރިން ތަރުބިއްޔަތު ކުރުމުގައި ބޭނުންކުރާނެ އުކުޅުތަކާއި، ކުދިންގެ ތައުލީމީ ހައްގުތައް ކަށަވަރުކުރުމާއި، ގޭތެރޭގެ މާހައުލަކީ ކުއްޖާގެ ކުރިއެރުމަށް ބޭނުންވާ އަމާން ތަނަކަށް ހެދުމަށް ކުރެވިދާނެ ކަންކަންވެސް މި ސެޝަނުގައި ކިޔައިދީފައިވެއެވެ.

އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް އަހުލުވެރިކުރުވައި، ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ އުސޫލުތަކުގެ މައުލޫމާތުވެސް ވަނީ ހިއްސާކޮށްފައެވެ. އަދި ނެއްލައިދޫއަކީ އެންމެންނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް ރޭވިފައިވާ ކަންކަމުގެ ތަފްސީލު ބެލެނިވެރިންނަށް ދީފައިވެއެވެ.

ނެއްލައިދޫ ސްކޫލުގެ ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވި މި ސެޝަނަކީ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.