އެއްބަސްވުމަކަށް އައުމަށް ނުވަތަ ހޯރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް ވޮޝިންޓަނުން ހުށަހަޅާފައިވާ ޝަރުތުތަކަށް އަމަލުކުރުމަށް އީރާނަށް 48 ގަޑިއިރުގެ މުހުލަތެއް އޮތް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވެއްޖެއެވެ.
ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ 'ޓްރުތް ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއްބަސްވުމަކަށް އައުމަށް ނުވަތަ ހޯރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް އީރާނަށް ދިހަ ދުވަހުގެ މުހުލަތެއް ދެއްވި ހަނދާން އެބަހުރިތޯ ސުވާލު ކުރައްވާފައެވެ. އަދި މިހާރު ވަގުތު ހުސްވަމުންދާކަން ފާހަގަކުރައްވައި ޓްރަމްޕް ވަނީ ވަރުގަދަ އިންޒާރެއް ދެއްވާފައެވެ.
"ވަގުތު ހުސްވަނީ - އެމީހުންގެ މައްޗަށް އަޒާބު އޮހިގަތުމުގެ ކުރިން ބާކީ އޮތީ 48 ގަޑިއިރު،" ޓްރަމްޕް ވިދާޅުވިއެވެ.
މި އިންޒާރާއެކު މެދުއިރުމަތީގެ މަސްރަހު އިތުރަށް ނުތަނަވަސްވެގެންދާނެ ކަމަށް ބެލެވެއެވެ.
މިދިޔަ މާރިޗު މަހުގެ 26 ވަނަ ދުވަހު ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނުގެ ނިއުކްލިއާ މަޝްވަރާތަކުގެ ސުންގަޑި 10 ދުވަހަށް އިތުރުކޮށްދެއްވީ، ހެޔޮނިޔަތުގެ ނިޝާނެއްގެ ގޮތުން ޕާކިސްތާނުގެ ދިދަ ޖަހާފައިވާ ތެޔޮ އުފުލާ 10 ބޯޓު ތެހެރާނުން އޭނާއަށް ފޮނުވުމުން ކަމަށެވެ.
މިދިޔަ ފެބްރުއަރީ 28 އިން ފެށިގެން އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ދޭން ފެށި ހަމަލާތަކުގައި، އޭރުގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނާއީ ހިމެނޭހެން މިހާތަނަށް 1,340 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މި ހަމަލާތަކާ ގުޅިގެން މުޅި ސަރަހައްދު އޮތީ ހަނގުރާމައެއްގެ ބިރުވެރިކަމުގެ ތެރޭގައެވެ.
ތެހެރާނުން ވަނީ މި ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އިސްރާއީލުގެ އިތުރުން އުރުދުން، އިރާގު އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގަލްފުގެ ގައުމުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައެވެ. މީގެ އިތުރުން ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް އީރާނުން ދަނީ ހުރަސްތައް ކުރިމަތިކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!