ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ބައިނަލްއަގުވާމީ މާލީ ބާޒާރަށް ދޫކޮށްފައިވާ ސުކޫކަށް ދައްކަންޖެހޭ 524.68 މިލިއަން ޑޮލަރު (8 ބިލިއަން ރުފިޔާ) ދިވެހި ސަރުކާރުން މިއަދު ދައްކައި ޚަލާސްކޮށްފިއެވެ.

ސަރުކާރުން ހާމަކުރި ގޮތުގައި މި ފައިސާގެ ތެރޭގައި ހިމެނެނީ ސުކޫކުގެ އަސްލު އަގު ކަމަށްވާ 500 މިލިއަން ޑޮލަރާއި، އިންޓްރެސްޓަށްވާ 25 މިލިއަން ޑޮލަރެވެ.

Ad
rt

މި ބޮޑު ދަރަނި ސަރުކާރުން އަދާކޮށްފައިވަނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އާއި ދައުލަތުގެ ރިޒާވް ބޭނުންކޮށްގެންނެވެ. ފިނޭންސް މިނިސްޓްރީން ބުނީ މި ދަރަނި އަދާކުރުމާ އެކު، ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރި މިންވަރު ދަށްވެ، ކުރިއަށް އޮތް މެދުރާސްތާގައި ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.

މި ސުކޫކަކީ 2021 ވަނަ އަހަރު، އޭގެ ކުރީގެ ސަރުކާރުން ނަގާފައިވާ 250 މިލިއަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު ދެއްކުމަށްޓަކައި ނަގާފައިވާ ދަރަންޏެކެވެ. ފިނޭންސް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މި ސުކޫކަކީ ދަރަނި އަދާކުރާނެ އެކަށީގެންވާ ސިޔާސަތެއް ނެތި، ބޮޑު އިންޓްރެސްޓެއްގައި ނަގާފައިވާ ދަރަންޏެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، އެސްޑީއެފް ފަންޑަށް އަލުން ބޭރު ފައިސާ ޖަމާކުރަން ފަށައި، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ރޭޓުތަކަށް ވަނީ ބަދަލު ގެނެސްފައެވެ. މި ފިޔަވަޅުތަކާއެކު އެސްޑީއެފް ފަންޑުގައި ހުރި ބޭރު ފައިސާގެ އަދަދު ފުރަތަމަ ފަހަރަށް 350 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާއިރު، މިދިޔަ މާޗު މަސް ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވް ވަނީ 1.3 ބިލިއަން ޑޮލަރަށް އަރާފައެވެ.

ސުކޫކް ދައްކަންޖެހޭ އެންމެ ފަހުގެ ތާރީހަކީ އަންނަ ބުދަ ދުވަސް ކަމަށްވީ ނަމަވެސް ރައީސް މުއިއްޒު މިދިޔަ މާޗު 2 ގައި ނޫސްވެރިން ގާތު ވިދާޅުވެފައި ވަނީ 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކަން އެއްވެސް ދައްޗެއް ނެތް ކަމަށާއި މިވަގުތު ވެސް ރިޒާވްގައި 650 މިލިއަން ޑޮލަރު އެބަހުރި ކަމަށެވެ.

ސަރުކާރުން އިތުރަށް ހާމަކުރި ގޮތުގައި، މި މަހުގެ ނިޔަލަށް އަދާކުރަންޖެހޭ 100 މިލިޔަން ޑޮލަރުގެ ބޮންޑު ރޯލްއޯވަރކުރުމަށް އަބޫދާބީ ފަންޑާއެކު ކުރެވުނު މަސައްކަތްތައް ވެސް ވަނީ ކާމިޔާބުކަމާއެކު ނިމިފައެވެ. ސަރުކާރުގެ މިހާރުގެ އެންމެ ބޮޑު އިސްކަމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކާއި ތަކެތި މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމެވެ.

ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތަކުގެ ސަބަބުން އިގުތިސާދީ ގޮންޖެހުންތަކެއް ހުރި ނަމަވެސް، ސަރުކާރުގެ އަމާޒަކީ ދުނިޔޭގެ އިގުތިސާދީ ބަދަލުތަކާ އެއްގޮތަށް ރާއްޖޭގެ މާލީ ސިޔާސަތުތައް ބައްޓަންކޮށް، ފިސްކަލް ހަމަޖެހުން ދެމެހެއްޓުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

ކުރީގެ ސަރުކާރުތަކުން ނަގާފައިވާ ބޮޑެތި ދަރަނިތަކާ ހެދި ކުރިމަތިވި އިގުތިސާދީ ދަތިތަކާ ގުޅިގެން ސުކޫކް ދެއްކިދާނެ ކަމާ މެދު ބައެއް ފަރާތްތަކުން ޝައްކު އުފެއްދަމުން އައި ނަމަވެސް ސަރުކާރުން އަބަދުވެސް ބުނަމުން އައީ ކަނޑައަޅާފައިވާ ތާރީހަށް ސުކޫކް ދެއްކޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.