ހދ. ވައިކަރަދޫގައި 50 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށްޓަކައި އިމާރާތްކުރުމަށް އިއްޔެ ހަވާލުކޮށްފިއެވެ.

ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާ އިން މި މަޝްރޫޢުތައް ހަވާލުކޮށްފައި ވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއެވެ.

Ad
rt

އިއްޔެ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދު އެވެ. އަދި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔަރ ޖެނެރަލް (ރިޓަޔާރޑް) ޢަލީ ޒުހައިރު އެވެ.

މި މަޝްރޫޢުގެ ދަށުން ވައިކަރަދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ 50 އެޕާޓްމަންޓް ހިމެނޭ ހައުސިންގ ޔުނިޓްތަކެކެވެ.

މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިންމުމަށް އެޗް.ޑީ.ސީ އަށް ދީފައިވަނީ 480 ދުވަހުގެ މުއްދަތެކެވެ.

މިއީ ވައިކަރަދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.