ހދ. ހިރިމަރަދޫ މީހުން ހއ. ދިއްދޫއަށް ބަދަލުކުރާނަމަ މަރުހަބާ ކިޔާނެކަމަށް ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.

ހދ. ހިރިމަރަދޫ މީހުން ބަދަލުކުރަން ނިންމާފައި ވަނީ އެ އަތޮޅު ހަނިމާދޫ އަށެވެ.

Ad
rt

ކައުންސިލްގެ އެއްބާރުލުން ނުލިބިގެން ބައެއް ރަށްރަށުގެ މަޝްރޫޢުތައް ނުހިނގާ އޮތްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާތީ އެކަމާއި ގުޅިގެން ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޢަބުދުﷲ މުއްތަލިބާއި ނޫސްވެރިއަކު ވަނީ ރައީސް އޮފީހުގައި މާރިޗް 4 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކޮށްފައެވެ.

އެ ސުވާލުގެ ޖަވާބުގައި ވަޒީރު ވަނީ ކައުންސިލުތަކުން އެއްބާރުލުން ނުލިބިގެން މަޝްރޫޢުތައް މަޑުޖެހޭ ދެތިން ސަބަބެއް އޮތްކަމަށް ވިދާޅުވެފައެވެ. އެއިން އެއް ސަބަބެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ މަޝްރޫޢުތަކަށް ބިން ނުދީ ހިފެހެއްޓުމެވެ. އެއިގެ މިސާލެއްގެ ގޮތުގައި ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫ އަށް ބަދަލުކުރުމަށް ''ހަނިމާދޫ ކައުންސިލުން ބިން ހަމަޖައްސައިނުދިނުމުން'' އެކަންކުރީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) މެދުވެރިކޮށް ކަމަށް ވަޒީރު ވިދާޅުވެފައެވެ.

ވަޒީރުގެ މިޖަވާބު ހިމެނޭ ވީޑިއޯ މީސް މީޑިއާގައި ހިއްސާކުރަށްވަމުން ދިއްދޫ ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ވިދާޅުވެފައި ވަނީ، ހިރިމަރަދޫ މީހުން ދިއްދޫއަށް ބަދަލުކުރާނަމަ މަރުހަބާ ކިޔާނެކަމަށެވެ. އަދި ދިއްދޫގެ ބިމުގެޖާގަ ތަނަވަސް ކަަމަށް ވެސް ވިދާޅުވިއެވެ. އެއަށްްފަހު އޭނާ ވަނީ ''ދިއްދޫ ސިޓީއަކަށް'' ތަސައްވުރު ފާހަގަކުރަށްވާފައެވެ.

ޢަބުދުﷲ ރަޝީދު ވަނީ އޭނާގެ މި ޕޯސްޓް ރައީސް ޑރ. މުޙައްމަދު އާއި ޓެގް ވެސް ކުރަށްވާފައެވެ.

ސަރުކާރުން ވަނީ ދިއްދޫގެ ބޯހިޔާވަހި ކަމަށާއި، އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢުއެއް ހިންގައި މިދިޔަ ފެބްރުއަރީ 23 ވަނަ ދުވަހު ނިންމާލާފައެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 50 ދުވަހުގެ ތެރޭގައި ދިއްދޫ ފަޅުން ޖުމްލަ 112 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

ދިއްދޫ އަށް ބޮޑު ބިމެއް އިތުރުވެގެން ދިޔުމާއެކު ދިއްދޫ ރައްޔިތުން މިހާރު އަންނަނީ ''ދިއްދޫ ސިޓީ އަކަށް'' ތަސައްވުރު ހާމަކުރަމުންނެވެ.