ރީނދޫ ކުލައިން ދިވެހި ރައްޔިތުންނަށް ލިބޭ ތަރައްގީއެއް ނޯވޭ ކަމަށް ހދ. ވައިކަރަދޫ ކައުންސިލް މެމްބަރު ކަމަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް ހުދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް ޕާޓީގެ ހދ. އަތޮޅު މާލޭ ޖަގަހަ ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ހުދާ ވިދާޅުވީ ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދޭންޖެހޭ ކަމަށެވެ.

Ad
rt

ރަށްރަށުގައި ތިބޭ ކައުންސިލަރުންނަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން ވެސް އަދި އެބޭފުޅުން ނިސްބަތްވާ ޕާޓީގެ ހިޔާލުތަކާއި ފިކުރުތައް ކުރިއަރުވަން ވެސް ތިބޭ ބައެއް ނޫން ކަމަށް ވެސް ހުދާ ވިދާޅުވި އެވެ.

ހުދާ ފާހަގަކުރެއްވި ގޮތުގައި ރައްޔިތުން އެދޭ ގޮތަށް ރަށްރަށް ތަރައްގީ ކުރުމަށް ސަރުކާރުގެ މަޝްވަރާގެ މަތިން އެކުލަވާލާ ބިނާވެހި ޕްލޭން ފުރިހަމައަށް ތަންފީޒުވެގެންދާނީ ސަރުކާރާ ގުޅިގެން ނެވެ.

ކައުންސިލުތަކަކީ ސިޔާސީ ވާދަވެރިންގެ ގޮތުގައި ހޮވިގެންވާނެ ބައެއް ނޫންކަމަށް ވެސް ހުދާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ސަރުކާރު ޖަވާބުދާރީ ކުރުވާނެ ބައެއް ނޫން. އަޅުގަނޑުމެންނަކީ ސަރުކާރުގެ ފަށަލައެއް. ދައުލަތުގެ މުއައްސަސާއެއް. މިހާރު ތިބި މެމްބަރު ކޮންކަމެއްތޯ ސަރުކާރާ ގުޅިގެން ކުރަނީ؟. ޕާޓީ ކުރިއަރުވަން ތިބޭ ބައެއް ނޫން ކައުންސިލު މެމްބަރުންނަކީ. ކައުންސިލަރުން ވާންޖެހޭނީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ދަންނަ ބަޔަކަށް. ރީނދޫ ކުލައިން ލިބޭ ތަރައްގީއެއް ނޯވޭ. " - ހދ. ވައިކަރަދޫ ކައުންސިލް މެމްބަރު ކަމަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓު ހުދާ މުހައްމަދު

އެމްޑީޕީއަކީ ތަރައްގީގެ ފިކުރުކަމަށް ކިތަންމެ ވަރަކަށް ދައްކަން އުޅުނަސް ހަގީގަތުގައި ފެނިގެންދަނީ ފަނާކުރަނިވި ވިސްނުމުގައި މަސައްކަތް ކުރަމުންދާ މަންޒަރުކަމަށް ހުދާ ވިދާޅުވި އެވެ.

އެހެންކަމުން މިފަހަރު މިއީ އެމްޑީޕީގެ ފަނާކުރަނިވި ވިސްނުމާ ދެކޮޅަށް ނުކުން ފަހަރުކަން ފާހަގަކުރައްވައި ހުދާ ވިދާޅުވީ މިފަހަރަކީ ތަރައްގީގެ ފަހަރުކަމަށެވެ.