'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފް.ޑީ.ސީ) އިން އިމާރާތްކޮށްފައިވާ 4000 'އަމާން އުދަރެސް' ފްލެޓްތަކުގެ ޑައުންޕޭމަންޓާ ގުޅިގެން ރައްޔިތުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް އެންމެ ރަނގަޅު ޙައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދެއްވައިފިއެވެ.

މި ޔަޤީންކަން ރައީސް ދެއްވީ މާލޭ ސިޓީގެ ގަލޮޅު ރައްޔިތުންނާއެކު ރޭ ބޭއްވެވި މަޝްވަރާ ބައްދަލުވުމެއްގައެވެ.

Ad
rt

މި ބައްދަލުވުމުގައި އެންމެ ގިނައިން ވާހަކަ ދެކެވުނު މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ބޯހިޔާވަހިކަމާ ގުޅޭ ޝަކުވާތަކާއި، ޚާއްޞަކޮށް ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތަކުގެ މާލީ ކަންކަމާ ގުޅޭ ކަންބޮޑުވުންތަކެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 4000 ހައުސިންގ ޔުނިޓްގެ ޑައުންޕޭމަންޓާއި މަހުން މަހަށް ދައްކަންޖެހޭ ކުއްޔާ ގުޅޭގޮތުން ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި މި މައްސަލަތަކަށް ޙައްލެއް ހޯއްދެވުމަށްޓަކައި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން ރަނގަޅު އަދި އެންމެ އިންސާފުވެރި ޙައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ގުޅިފަޅު ގޯތިތައް އަވަސްކުރުން

މީގެ އިތުރުން، ގުޅިފަޅުން ގޯތި ލިބޭ ފަރާތްތަކަށް ގޯތި ކަނޑައިނުދެވި ލަސްވާ މައްސަލައަށް ވެސް ރައީސް މުޢިއްޒު ވަނީ ޖަވާބުދާރީވެވަޑައިގެންފައެވެ. އެމަނިކުފާނު ވިދާޅުވީ ގޯތިކަނޑައިދިނުމުގެ ދުވެލި ހަލުވިކޮށް، އެންމެ އަވަހަށް ޙައްޤުވެރީންނަށް ގޯތިތައް ޙަވާލުކުރެއްވުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ. މިގޮތުން، ބޯހިޔާވަހިކަމުގެ ދާއިރާއިން ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ޙައްލު ހޯއްދަވައިދެއްވުމަކީ ސަރުކާރުގެ އެންމެ އިސްކަމެއް ކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.