ކޮމަންޑޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަލް މަރްހޫމް ހުސައިން ވަޙީދުގެ ހަރަދުގައި ށ. ފޯކައިދޫގައި ބިނާކޮށްދެއްވި މިސްކިތް މިއަދު ހުޅުވައިފިއެވެ.

މި މިސްކިތަށް ދީފައިވާ ނަމަކީ ''މަސްޖިދުލް ނޫރު'' އެވެ. މި މިސްކިތް ހުޅުވާފައި ވަނީ މިއަދުގެ ހުކުރު ނަމާދުގެ ކުރިންނެވެ.

Ad
rt

މި މިސްކިތް ހުޅުއްވައިދެއްވީ މަރްޙޫމް ހުސެންގެ ދަރިކަލުން އަހްމަދު ނަވީން ހުސެން އާއި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަބުދުލް އަޒީޒު ޖަމާލު އަބޫބަކުރެވެ. މިސްކިތް ހުޅުއްވައިދެއްވުމަށްފަހު ކުރެވުނު ހުކުރުނަމާދު ކުރެއްވީ ފޯކައިދޫ އަށް ނިސްބަތްވާ ސައިޚް އަހްމަދު ސަމީރެވެ.

މަރްޙޫމް ހުސެންގެ ޚަރަދުގައި ފޯކައިދޫ ބިނާކުރެއްވި މިސްކިތް ހުޅުވުން ފޮޓޯ:ފޯކައިދޫ ކައުންސިލް

މިއީ 400 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ކޮމަންޑޫ ދާއިރާގެ މެމްބަރުކަމުގައި ހުންނަވަނިކޮށް ހުސައިން ވަހީދު އަވަހާރަވެފައި ވަނީ 13 ޑިސެމްބަރު 2021 ގައެވެ.

ޙުސައިން ވަޙީދު އަވަހާރަވީ 13 ޑިސެމްބަރު 2021ގެ ރޭގެ ވަގުތެއްގައި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އެރޭ 1:24 ހާއިރު އެވެ.

މަރްޙޫމް ހުސެންގެ ޚަރަދުގައި ފޯކައިދޫ ބިނާކުރެއްވި މިސްކިތް ހުޅުވުމަށްފަހު ކުރެވުނު ހުކުރު ނަމާދުގެ ތެރެއިން، ފޮޓޯ:ފޯކައިދޫ ކައުންސިލް

އަވަހާރަވީ އާލާސްކަންފުޅާއި އުޅުއްވުމަށްފަހުއެވެ. އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް 2020 އަހަރުގެ ބޮޑު ބައެއް ހުސައިން ހޭދަ ކުރެއްވީ ދުބާއީގައެވެ.

މަރްޙޫމް ހުސެންގެ ޚަރަދުގައި ފޯކައިދޫ ބިނާކުރެއްވި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ފޯކައިދޫ ކައުންސިލްގެ ރައީސް އާސިފް ވާހަކަ ދައްކަވަނޯ، ފޮޓޯ:ފޯކައިދޫ ކައުންސިލް

އަވަހާރަވީ ފަރުވާއަށްފަހު މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަން ފެއްޓެވިފަހުންނެވެ.

ފޯކައިދޫ އަށް ނިސްބަތްވެވަޑައިގަންނަވާ ހުސެން އަކީ ފޯކައިދޫ އަށާއި ށ.އަތޮޅަށް ވަރަށް ޚިދުމަތްތެރި ބޭފުޅެކެވެ.