ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ފަރުވާ ހޯދަމުންދާ ފަރާތްތަކަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ ކަމުގެ ތުހުމަތުގައި އެތަނުގެ މުވައްޒަފަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި، އެންޑީއޭ އިން ފަރުވާ ހޯދާ ކްލައިންޓުންނަށް މަސްތުވާތަކެތި ދީގެން ނަހަމަ ގުޅުން ބާއްވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހު އެންޑީއޭ އިން ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

Ad
rt

މި މައްސަލަ ފުލުހުންނަށް ހުށަހެޅުނީ ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ދޭންޖެހޭ އަޅާލުމާއި ރައްކާތެރިކަން ގެއްލި، ނަހަމަ ފައިދާ ނެގުމުގެ ތުހުމަތުގައެވެ.

މި މައްސަލައިގެ ތުހުމަތުގައި، އެންޑީއޭގެ ޕީއާރު މެންޓަރެއްގެ ވަޒީފާ އަދާކުރަމުން ދިޔަ، ފްލޮރިޑާ / ސ. ފޭދޫ، މުޙައްމަދު ފަސީޙް (51އ) ވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ދިވެހި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.