މީޑިއާ އެންޑް ބްރޯޑްކާސްޓިން ގާނޫނުގެ ދަށުން އުފެއްދި ކޮމިޝަނަށް ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެމްބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާނެ ދެ މެމްބަރުންގެ ގޮތުގައި ބޭފުޅުން އިންތިޚާބުވެފައިވާކަން އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ޢިއުލާންކޮށްފިއެވެ.

އީސީން މިއަދު ބުނީ 2025ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 11 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އިންތިޚާބު 2025 ގެ ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާ ތަމްސީލުކުރާ މެންބަރުން އިންތިޚާބަކާނުލާ ހޮވިފައިވާ ކަމަށެވެ.

Ad
rt

މިގޮތުން އީސީން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި އެ މަޤާމަށް ކުރިމަތިލި ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން 1 ކެންޑިޑޭޓަކު އޭނާގެ ނަން އަނބުރާ ގެންދިޔުމާ ގުޅިގެން، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުންގެ މަޤާމަށް ޝަރުޠުހަމަވެފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށް، 2 ކެންޑިޑޭޓުންކަމަށް އީސީން ބުންޏެވެ.

މީގެ އިތުރުން އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތު ހަމަވިއިރު، އެ މަޤާމަށް ވެސް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށް ޝަރުޠުހަމަވާ 2 ކެންޑިޑޭޓުން ކަމަށް ވެސް އީސީން ބުންޏެވެ.

އެހެންވެ މި ފަރާތްތައް އިންތިޚާބުވެފައިވާކަން މިހާރު ވަނީ އީސީން އިޢުލާންކޮށްފައެވެ.

ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމަށް އިންތިޚާބު ވެފައިވަނީ، މޫނިމާގެ / ށ. ފޭދޫ، ޢަބްދުލްޢަޒީޒް އިބްރާހީމް އާއި މަލަ / ގދ. ތިނަދޫ، ޒަމްޢަތު އަޙްމަދު ވަޙީދުއެވެ.

އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމަށް އިންތިޚާބުވެފައިވަނީ، ވެލީގެ / ގދ. ރަތަފަންދޫ، ސިމާޙާ ނަސީމް އާއި ހިސާން / ހދ. ވައިކަރަދޫ، ޙުސައިން ޘަޤީފްއެވެ.

ޘަގީފަކީ އައު ގާނޫނާއެކު އުވުނު މީޑިއާ ކައުންސިލްގެ ރައީސްގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އަދި އޭނާ ވަނީ އެ ކައުންސިލްގެ ނައިބު ރައީސްގެ މަގާމު ވެސް އެއް ދައުރު ފުރުއްވާފައެވެ. ޘަގީފަކީ ތިލަދުން މީޑިއާ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން އެޑިރެކްޓަރެވެ. އަދި އޭނާ ވަނީ ތިލަދުން ޓައިމްސް އާއި ތިލަދުން މެގަޒިންގެ އެޑިޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ.

މިއީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގައިވާ ގޮތުގެ މަތިން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގައި ތިއްބަވާ 7 މެންބަރުންގެ ތެރެއިން 4 މެންބަރުން އިންތިޚާބުކުރުމަށް އީސީން އިޢުލާންކޮށްފައިވާ އިންތިޚާބެކެވެ.