ޤަތަރު އެކަންޏެއްނުވާނެކަމަށާއި، އަރަބި އަދި އިސްލާމީ ދުނިޔެ އޮތީ އެ ޤައުމާއެކުގައި ކަމަށް ވިދާޅުވެ، އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަބޫލް ގައިތު އާދީއްތަ ދުވަހު އިސްރާއީލުގެ އަމަލުތަކާމެދު ހަރުކަށި އިންޒާރެއް ދެއްވައިފިއެވެ.
ދޯހާގައި ބޭއްވުމަށް ހަމަޖެހިފައިވާ އަރަބި އަދި އިސްލާމީ ލީޑަރުންގެ ކުއްލި ސަމިޓުގެ ތައްޔާރީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، އަބޫލް ގައިތު ވިދާޅުވީ މި ސަމިޓުން ވަރުގަދަ މެސެޖެއް ދޭނެ ކަމަށެވެ.
"ޤަތަރު އެކަންޏެއްނުވާނެ. އަރަބި އަދި އިސްލާމީ ދުނިޔެ އެ ޤައުމާއެކުގައި ވާނެ" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވަނީ ކުށެއްގެ ކުރިމަތީގައި އަނގަމަޑުންލައިގެން ތިބުމަކީ... އިތުރު ކުށްތަކަށް މަގުފަހިވާން ދެވޭ ފުރުސަތެއްކަމަށް ވެސް ވިދާޅުވެފައެވެ.
މި ސަމިޓު އިންތިޒާމުކުރުމަށް ނިންމާފައިވަނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހު، ދޯހާގައި ތިބި ހަމާސްގެ އިސް އޮފިޝަލުންގެ ގެތަކަށް އިސްރާއީލުން އަމާޒުކޮށް ދިން ނުރައްކާތެރި ވައިގެ ހަމަލާއާ ގުޅިގެންނެވެ. ޤަތަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު ޝެއިޚް މުހައްމަދު ބިން އަބްދުއްރަހުމާން އާލް ޘާނީ މި ހަމަލާ ސިފަކުރެއްވީ "ދައުލަތުގެ ފެންވަރުގެ ޓެރަރިޒަމް" ގެ ގޮތުގައެވެ. އަދި މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް މިހާރުގެ އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ސަރުކާރުން ގެންގުޅޭ އުސޫލެއްކަމަށް ވިދާޅުވިއެވެ.
މި މުހިންމު ސަމިޓުގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އާއި އިރާޤުގެ ބޮޑުވަޒީރު މުހައްމަދު ޝިޔާ އަލް-ސުދާނީ ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވަނީ އިއުލާނުކޮށްފައެވެ. ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވަނީ އާދީއްތަ ދުވަހު ދޯހާއަށް ވަޑައިގެންފައެވެ.
ސަމިޓުގެ މުހިންމުކަން ފާހަގަކޮށް، މިސުރުގެ ފޮރިން މިނިސްޓަރު ބަދުރު އަބްދުލްއައްޓީ ވަނީ ސައޫދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުގެ އެ މަގާމުގެ ބޭފުޅުންނާ ފޯނުން މަޝްވަރާކުރައްވާފައެވެ.
މި ސަމިޓަކީ އަރަބި އަދި އިސްލާމީ ދުނިޔޭގެ އެއްބައިވަންތަކަން ދައްކުވައިދޭނެ މުހިންމު ބައްދަލުވުމަކަށް ވުމަކީ އިސްލާމީ ގައުމުތަކުގެ ރައްޔިތުންގެ އުންމީދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!