ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިންމައި ޚިދުމަތްތައް އަދު ރަސްމީކޮށް ފަށައިފިއެވެ.

މިކަމަށް މިއަދު މާފަރުގައި ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް، ޔޫއޭއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރަހްމާ އަބްދުލްރަހުމާން ރަހްމާ އަބްދުލްރަހްމާން އަލް ޝަމްސީ، ޑިރެކްޓާ ޖެނެރަލް އޮފް ދި އަބޫދާބީ ފަންޑް ފާ ޑިވެލޮޕްމަންޓް މުހައްމަދު ސައިފް އަލް ސުވައިދީ، އަދި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީކޮށްފައިވަނީ އަބޫދާބީ ފަންޑުގެ އެހީއާއެކު، ދެ ފިޔަވައްސަކަށެވެ. މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 2200 މީޓަރުގެ ރަންވޭއަކާއި، ޕެސެންޖަރ ޓާމިނަލް ހިމެނޭ ގޮތަށް އެއަރޕޯޓު ތަރައްގީކޮށް، ވިޔަފާރީގެ ދަތުރުތައް 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވަނީ ފަށާފައެވެ.

މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި، ރަންވޭއަށް އިތުރު 650 މީޓަރު އިތުރުކޮށް ޖުމްލަ 2850 މީޓަރަށް ދިގުކޮށްފައިވެއެވެ. މިއާއެކު ބޮއިންގ 777-300އީއާރު ފަދަ ބޮޑެތި ފްލައިޓުތައް ޖެއްސޭވަރަށް އެއަރޕޯޓު ވަނީ ތަރައްގީކޮފައެވެ.

މީގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމާއި އެއަރފީލްޑް ލައިޓް އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް މި ފިޔަވަހީގެ ދަށުން ހިމެނެއެވެ. މި މަސައްކަތްތައް ނިމިފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް، 27.1 މިލިއަން ޑޮލަރު ވަނީ ހަރަދުކޮށެވެ.

މި މަޝްރޫޢުގެ ދެ ފިޔަވައްސަށް އަބޫދާބީ ފަންޑުން ޖުމްލަ 76 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާގެ އެހީތެރިކަން ދީފައިވެއެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގަނީ ދިވެހި ސަރުކާރުގެ ކުންފުނި، އައިލެންޑް އޭވިއޭޝަނުންނެވެ.

މި އެއަރޕޯޓު ބޮޑެތި ފްލައިޓުތަކަށް ހުޅުވާލުމުން އުތުރުގެ ރިސޯޓުތަކަށް ސީދާ ދަތުރުތައް އިތުރުވެ، ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާވެ، އުތުރުގެ ރަށްތަކުގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް އުންމީދު ކުރެވެއެވެ.