ނ. ފަރުމުލީގައި ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން ވަނީ ބީލަމަށް ހުޅުވާލައިފައެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ނެރުއްވި ޤަރާރެއްގެ ދަށުން ފަރުމުލި ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކުރެވޭ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުމަށްފަހު އެޅުއްވި ފިޔަވަޅެކެވެ.

Ad
rt

މި މަޝްރޫޢުގައި ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ދެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 21 ޖުލައި 2025 އަދި 18 އޮގަސްޓް 2025 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ވަރޗުއަލްކޮށް މި ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 10 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އެވެ. ބީލަމާ ގުޅޭ ފޮތް ލިބެން ހުންނާނީ 8 ޖުލައި 2025 އިން ފެށިގެން 9 ސެޕްޓެމްބަރ 2025 ގެ ނިޔަލަށް، ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ވޭލާނާގޭގައި ހުންނަ ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާގެ 5 ވަނަ ފަންގިފިލާއިންނެވެ.

ކުރިން މާފަރުގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ފަރުމުލި، މިހާރު ވަނީ ވަކި ރަށެއްގެ ގޮތުގައި ކަނޑައަޅުއްވައި، ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކުރެވޭ ރަށެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ. މިކަން ހަމަޖެއްސެވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.

މި މަޝްރޫޢާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ 3 ދުވަސް ކުރިން ވުޒާރާގެ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެވޭނެ ކަމަށް ވުޒާރާއިން މަޢުލޫމާތު ދެއެވެ.