ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ މަގާމުން ވަކިކުރަން އިޖުރާއަތްތައް ހިންގާފައިވާ ގޮތާމެދު ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިކަމާއި ގުޅިގެން އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ޕާޓީއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަކިކޮށްފިނަމަ ނުވަތަ ވަކިވެއްޖެނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ގެނެވުނު އިޞްލާޙު ބާޠިލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައި ވަނިކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޤާނޫނީ އަދަދު މަދުކުރުމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު 5 ވަނަ އިސްލާހް ގެނައުމުގެ ބިލް މަޖިލީހުން، ފާސްކޮށް، ހަމަ އެދުވަހު ތާވަލުކޮށްފައިވާ ދުސްތޫރީ މައްސަލައިގެ ޝަރީއަތުގެ މަޖިލިސް ފެށުމަށް ކުޑަތަންވެފައި ވަނިކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދާއި، މަޙާޒު ޢަލީ ޒާހިރު އަދި ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑް ކުރެއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމެވުމަކީ، އެ ދުސްތޫރީ މައްސަލަ ކުރިއަށްގެންދިޔުމަށް ހުރަސްއެޅިގެންދާފަދަ ގޮތަކަށް، އަދި މައްސަލައިއްގައި ޝަރީޢަތްކުރަށްވާ ފަނޑިޔާރުންނަށާއި، އެ މައްސަލައިގެ އިޖުރާޢަތުތަކަށާއި ނިންމުންތަކަށް ނުރަނގަޅު ނުފޫޒު ފޯރުވުމަށް ކޮށްފައިވާ ކަމެއްކަމުގައި ބެލުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި އޮތްކަމަށެވެ. އެހެންވެ އެކަމާއި އެ ކޮމިޝަނުން ކަންބޮޑުވާކަމަށް ބަޔާނުގައި ފާހަގަކޮށްފަވެއެވެ.

Ad
rt

މީގެ އިތުރުން ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރުމަށް ނިންމެވުމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުންނާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ޢަމަލުކުރަށްވާފަައިވާ ގޮތާއި އަދި އިޖުރާޢަތުތައް ތަރުތީބުކުރެއްވި ގޮތުގެ ސަބަބުން ވެސް އެ މިކޮމިޝަނުން ނުހަނު ކަންބޮޑުވުން އޮތްކަމަށް އެޗްއާރުސީއެމުން ވަނީ ބުނެފައެވެ.