ނ. މަނަދޫގައި 4 މަޝްރޫޢުއެއްގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ޕްރޮޖެކްޓް ސައިޓްތައް މޮބިލައިޒް ކޮށްފިއެވެ.

އެމްޓީސީސީން ބުނިގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ކަންކަމާއި ގުޅުންހުރި މަޝްރޫޢުތަށް ހުއްޓިފައި ނޫނީ ފަށައިނުގަނެވި ހުރުމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް އިސްކަމެއްދީގެން މި މަޝްރޫޢުތަކުގެ މަސައްކަތް ނިންމުމަށް އެ ކުންފުންޏާއި ހަވާލުކުރެވުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއި، ހާއްސަ އިރުޝާދުފުޅުގެ ދަށުންނެވެ.

Ad
rt

މަނަދޫގައި ޖުމްލަ ގޮތެއްގައި 3،000 މީހުންގެ އާބާދީއެއް ދިރިއުޅޭއިރު ރަށުގެ ރައްޔިތުންނަށް މި މަޝްރޫޢުތައް ތަރައްޤީވުމުން އިޖުތިމާއީ ގޮތުން ގިނަ ގުނަ މަންފާތަކާއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ޤަބޫލުކުރެއެވެ.

އެގޮތުން ރަށުގައި ތަރައްްޤީ ކުރުމަށް ހަމަޖެހިފައިވާ 4 މަޝްރޫޢުއަކީ، އަތޮޅު ފެންވަރުގައި ޕޮލިސް ސްޓޭޝަނެއް އެޅުމާއި، ކުޑަކުދިންގެ ޕާކެއް އެޅުމާއި، އައުޓްޑޯ ޖިމެއްގެ އިތުރުން ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރެއް ޤާއިމްކުރުމަށެވެ.

މީގެ އިތުރުން، އެ އަތޮޅު ފޮއްދޫގައި 6 މަޝްރޫޢުއެއްގެ ތަރައްޤީގެ މަސައްކަތް ކުރިއަށްދާއިރު، މަގޫދޫގައިވެސް 2 މަޝްރޫޢުއެއްގެ މަސައްކަތް ވަނީ މި މަހު އެމްޓީސީސީއާއި ހަވާލުކޮށްފައެވެ. ވޭތުވެދިޔަ 44 އަހަރުން ފެށިގެން އަދި އަދަށް ދާންދެންވެސް ޢުމްރާނީ އަދި އިޖުތިމާއީ ވަޞީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް މި ކުންފުނިން ދަނީ އަދާކުރަމުންނެވެ.