މި އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހުރިހާ ބާވަތެއްގެ ބޭސް ހެޔޮ އަގުގައި އެސްޓީއޯ ބޭސްފިހާރަތަކުން ލިބެން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ދ. އަތޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މީދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސް ވިދާޅުވީ މިދާދި ފަހުން ބޭސް ލިބުން ދަތިވެފައިވަނީ ބޭހުގެ އަގު ދަށްކުރުމުން، ސަރުކާރަށް ދަތިކުރުމުގެ ބޭނުމުގައި ބައެއް ވިޔަފާރިވެރިން ބޭސް އެތެރެކުރުން ހުއްޓާލުމުގެ ސަބަބުން ކަމަށެވެ.

"މެޑިކަލް މާފިޔާއަށް ބޭސްތައް ކޮންޓްރޯލްކުރުމުގެ ފުރުޞަތު އަޅުގަނޑުމެން ނުދޭނަން،" ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން 15 އޭޕްރީލާ ހަމައަށް އެމްއެފްޑީއޭގެ އެސެންޝިއަލް މެޑިކަލް ލިސްޓުގައި ހުރި ހުރިހާ ބޭހެއް ގެނެސް ހަމަކޮށް އެސްޓީއޯގެ ބޭސްފިހާރަތަކުން، އެއްވެސް ކަންބޮޑުވުމެއްނެތި ރައްޔިތުންނަށް ލިބިގެންދާނެ." ރައީސް އިތުރަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޭހުގެ މައްސަލަ ކަމަށާއި، މީގެ ކުރިން ބައެއް ވިޔަފާރިވެރިން އާސަންދައިގެ ތެރެއިން 1000 އާއި 2000 އިންސައްތައަށް ވުރެ ބޮޑު ފައިދާ ނަގަމުން ދިޔަ ކަމަށެވެ. މިކަން ހުއްޓުވުމަށް ސަރުކާރުން ފިޔަވަޅު އަޅާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ފެނިވަޑައިގަންނަވާނެ ރަށެއްގައި ކުޑަ ބޭސްފިހާރައެއް ހުޅުވާލާ މީހާވެސް އަހަރު ނުވާނެ ބޮޑެތި މަސްދޯނިތައް ބަންނާނެ. މިއީ ހަގީގަތް. އެކަން ހުއްޓުވާލީމަ މައްސަލަޖެހުނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ބޭހުގެ އިސްރާފު ހުއްޓުވައި، އެ ފައިސާއިން ގައުމުގެ ތަރައްގީއަށް ހޭދަކުރަމުން އަންނަ ކަމަށެވެ. އެގޮތުން 500 މިލިއަން ރުފިޔާ ބޭހުގެ އިސްރާފުން ސަލާމަތްކޮށް، އެތައް ތަރައްގީގެ މަޝްރޫއެއް ހިންގޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވާހަކަފުޅު ނިންމަވާލެއްވީ އެއްވެސް ފަރާތަކަށް ރައްޔިތުންނަށް ދަތިކުރުމުގެ ފުރުޞަތު ސަރުކާރުން ނުދޭނެ ކަމަށް ވިދާޅުވިއެވެ. އަދި އެންމެ އާދައިގެ ރައްޔިތުންނާއި އާންމު ރައްޔިތުންނާއި މުއްސަނދި ރައްޔިތުން ވެސް ހަމަހަމަކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.