ޢާއްމު ނޫން ބަލިތައް ދެނެގަތުމަށް ޗައިނާއިން އޭއައި މޮޑެލްއެއް ތައާރަފްކޮށްފިއެވެ.

ޢާއްމުކޮށް ނުފެންނަ ބަލިތައް ދެނެގަތުމަށް އެހީތެރިވާނެ އައު އޭއައި މޮޑެލްއެއް ޗައިނާއިން ތަޢާރަފްކޮށްފައިވާއިރު، ޕަމްޗް-ޖެނެސިސްގެ ނަމުގައި ތަޢާރަފްކޮށްފައިވާ މި އައު ޓެކްނޮލޮޖީގެ މައިގަނޑު މަޤްޞަދަކީ ނާދިރު ބަލިތަކަށް އަވަސް އަދި ސައްހަ ޑައިގްނޯސިސްއެއް ހޯދުމަށް މަގުފަހިކުރުމެވެ.

Ad
rt

މި އޭއައި މޮޑެލް އެކުލަވާލުމުގައި ޗައިނާގެ އާބާދީގެ މައްޗަށް ބިނާކޮށް ޚާއްޞަ ސަމާލުކަމެއް ދީފައިވާކަމަށް ޒިންހުއާ ނިއުސް އޭޖެންސީން މަޢުލޫމާތު ދީފައިވެއެވެ. އަދި ނާދިރު ބަލިތަކާއި އުނގެނުމުގެ ނުކުޅެދުންތެރިކަމުގެ ބަލިތައް އަވަހަށް ދެނެގަތުމަށް މި މޮޑެލްގެ އެހީގައި ފަސޭހަވެގެންދާނެކަމަށް ބެލެވެއެވެ. މީގެ އިތުރުން މި ޓެކްނޮލޮޖީގެ އެހީގައި ނާދިރު ބަލިތަކަށް ބޭނުންވާ ޚާއްޞަ ޑޮކްޓަރުންނާއި އިތުރު މެޑިކަލް ޓެސްޓުތަކާ ގުޅޭ މަޢުލޫމާތުވެސް ލިބިގެންދާނެއެވެ.

ޗައިނީސް އެކަޑަމީ އޮފް ސައިންސަސް އަދި ޕެކިންގ ޔޫނިއަން މެޑިކަލް ކޮލެޖް ހޮސްޕިޓަލް (ޕީޔޫއެމްސީއެޗް)ގެ ގުޅިގެން ތައްޔާރުކުރެވިފައިވާ މި މޮޑެލް މިހާރު ވަނީ ޓްރަޔަލް މަރުހަލާގައެވެ.

މި އޭއައި މޮޑެލްއިން ބަލިމީހުންނަށް އެޕޮއިންޓްމަންޓް ހެދުމާއި ޕްރިލިމިނަރީ ކޮންސަލްޓޭޝަންތައް ފޯރުކޮށްދެވޭނެއެވެ. ކުރިއަށް އޮތް މަރުހަލާގައި މި ސިސްޓަމްގެ އެހީގައި މެޑިކަލް ނޯޓު ތައްޔާރުކުރުމާއި، ޖެނެޓިކް މަޢުލޫމާތު ދިރާސާކުރުމާއި، ވާރުތަވާ ބަލިތަކާ ގުޅޭ ކައުންސެލިން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ރޭވިފައެވެ.

މުސްތަޤްބަލުގައި މި އޭއައި މޮޑެލް ހޮސްޕިޓަލްގެ އޮންލައިން މަލްޓިޑިސިޕްލިނަރީ ނާދިރު ބަލިތަކުގެ ކްލިނިކާ ގުޅުވާލެވޭނެއެވެ.

މި ޓެކްނޮލޮޖީގެ ސަބަބުން ނާދިރު ބަލިތައް ދެނެގަތުމުގައި ދިމާވާ އޮޅުންތަކުގެ ސަބަބުން ބަލިމީހުންނަށް ކުރިމަތިވާ ދަތިތައް ކުޑަވެގެންދާނެކަމަށް ބެލެވެއެވެ.