މޮރިޝަސްގެ ކުރީގެ މަރުކަޒީ ބޭންކު ގަވަރުނަރު ހައްޔަރުކުރުމުގެ އަމުރެއް އެ ގައުމުން ނެރެފިއެވެ.

މޮރިޝަސްގެ ފުލުހުން އެ ޤައުމުގެ ކުރީގެ މަރުކަޒީ ބޭންކު ގަވަރުނަރު ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވާއިރު، މިއީ މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ކުރެވެމުންދާ ތަޙުޤީޤަކާ ގުޅުވައިގެން ނެރެފައިވާ އަމުރެކެވެ.

Ad
rt

އާދީއްތަ ދުވަހު މޮރިޝަސްގެ ނޫސްތަކުގައި ޝާއިޢުކޮށްފައިވާ ފުލުހުންގެ ނޯޓިސްއެއްގައި ބުނެފައިވާ ގޮތުގައި، ކުރީގެ މަރުކަޒީ ބޭންކު ގަވަރުނަރު ހަރވޭޝް ކުމާރު ސީގޯލަމް މިވަގުތު ހުރީ އެ ގައުމުން ބޭރުގައެވެ. އަދި އޭނާ ގައުމަށް އެނބުރި އަންނަ ހިސާބުން ހައްޔަރުކުރެވޭނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް މި މައްސަލައިގެ ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައާ ގުޅޭގޮތުން ސީގޯލަމް އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

ފުލުހުންގެ މަނީ ލޯންޑަރިންގ ޔުނިޓުން މި ފިޔަވަޅު އަޅާފައިވަނީ އަލަށް އިންތިޚާބުވި ބޮޑުވަޒީރު ނަވީން ރާމްގޫލަމްގެ ސަރުކާރުން އަޅާ ފުރަތަމަ މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ. ރާމްގޫލަމް ވަނީ ފާއިތުވި ހަފުތާގައި ވިދާޅުވެފައި، ކުރީގެ ސަރުކާރުން އެތައް އަހަރެއްގައި ޤައުމުގެ ޖީޑީޕީ، ބަޖެޓު ޑެފިސިޓް އަދި ސަރުކާރުގެ ދަރަނީގެ ހިސާބުތައް ދޮގުކޮށްފައިވާ ކަމަށެވެ.

ޕާލިމަންޓަށް ހުށަހެޅި ރިޕޯޓެއްގައި ރާމްގޫލަމް ވަނީ، ކޮވިޑް-19 ބަލިމަޑުކަމުގެ އަސަރުތަކާ ކުރިމަތިލުމަށް 2020 ވަނަ އަހަރު އުފެއްދި މޮރިޝަސް އިންވެސްޓްމަންޓް ކޯޕަރޭޝަން (އެމްއައިސީ) އަށް ފައިސާ ދޫކުރުމަށް މަރުކަޒީ ބޭންކުން ފައިސާ ޗާޕުކޮށްފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ. މި ކޯޕަރޭޝަނަށް ފައިސާ ލިބެންޖެހޭނީ ބޭންކުގެ ރަސްމީ ބޭރު ފައިސާގެ ރިޒާވުންކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

"އެމްއައިސީ އަށް ފަންޑުކުރުމަށް ބޭންކު އޮފް މޮރިޝަސްއިން ފައިސާ ޗާޕުކުރުމަކީ ޒިންމާދާރުކަން ކުޑަ ޢަމަލެއް. އަދި މިކަމުގެ ސަބަބުން ފައިސާގެ ނިޒާމަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވޭ. ޚާއްޞަކޮށް ބޭންކިންގ ނިޒާމުގައި މިހާރުވެސް ބޭނުންވާ ވަރަށްވުރެ އިތުރަށް ފައިސާ ހުރިއިރު މިކަން ކުރުމަކީ މައްސަލައެއް،" ރިޕޯޓްބައި ބުނެފައިވެއެވެ.