އެރިކް ޓެން ހާގްގެ އިރުޝާދުގެ ދަށުން ނަތީޖާ ނުނެރެވުމުން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން އޭނާ ވަކިކޮށްފިއެވެ.
2022 ވަނަ އަހަރު ޔުނައިޓެޑްގެ ކޯޗުކަމާއި ހަވާލުވި ޓެން ހާގަށް އެ ޓީމްގެ ކޯޗުގެ މަގާމުގައި ހުރެވުނީ ދެ އަހަރާއި ބައިގެ މުއްދަތަކަށެވެ. ދެ އަހަރާއި ބައިގެ މުއްދަތުގައި ޓެން ހާގް ވަނީ ޔުނައިޓެޑާއި އެކު ދެ ތައްޓެއް ކާމިޔާބު ކޮށްފައެވެ. އެއީ 2023 ވަނަ އަހަރުގެ ކަރަބޯ ކަޕާއި މިދިޔަ އަހަރުގެ އެފްއޭ ކަޕެވެ.
މި ސީޒަން ފެށުމުގެ ކުރިން ޔުނައިޓެޑްގެ ކޯޗުކަމުން ޓެން ހާގް ވަކިކުރަން އުޅޭކަމުގެ އަޑުތައް ފެތުރުނެވެ. ޔުނައިޓެޑުން ރަނގަޅު ކޯޗެއް ހޯދަން މަސައްކަތް ވެސް ކުރިއެވެ. ނަމަވެސް ބޭނުންވާ ކަހަލަ ކޯޗަކު ނުލިބުމުން ޓެންހާގް ބަހައްޓަން ފަހުން ޔުނައިޓެޑުން ނިންމީއެވެ.
ޓެން ހާގްގެ އިރުޝާދުގެ ދަށުން މި ސީޒަންގައި ޔުނައިޓެޑްގެ ނަތީޖާތައް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ލީގުގައި ނުވަ މެޗު ކުޅުނުއިރު މޮޅުވީ އެންމެ ތިން މެޗުންނެވެ. މިވަގުތު ޔުނައިޓެޑް އޮތީ ޕޮއިންޓް ތާވަލުގެ 14 ވަނާގައެވެ. މުޅި ސީޒަންގައި ކުޅުނު 14 މެޗަށް ބަލައިލާއިރު އެ ޓީމް މޮޅުވީ އެންމެ ހަތަރު މެޗުންނެވެ.
ޔުނައިޓެޑްގެ ކޯޗުކަމުން ޓެން ހާގް ވަކިކުރުމާއިއެކު އެ މަގާމު ވަގުތީގޮތުން ފުރާނީ ޓެން ހާގްގެ އެސިސްޓެންޓެއްގެ ގޮތުގައި ހުރި ރުޑް ވެން ނިސްޓެލްރޫއީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!