ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް ހުޅުމާލެ ޔޫތު މޫވްމަންޓް (އެޗްވައިއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ "އެޗްވައިއެމް ރަމަޟާން ޔުނިޓީ ފުޓްސަލް ޗެލެންޖް" ގައި ހުޅުމާލެ ހޮސްޕިޓަލް ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ރޭ މޮޅުވެއްޖެއެވެ.
ހުޅުމާލެ ރެހެންދި އެއް ނަމްބަރު ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރާތުގައި ހުޅުމާލެ ހޮސްޕިޓަލް ވަނީ 2-1 އިން އެޗްވައިއެމް ފެނޮމިނަލްސް ބަލިކޮށްފައެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ހުޅުމާލެ ހޮސްޕިޓަލަށް ލީޑު ނަގައި ދިނީ އަލީ ޝާޒް ހިލްމީ ޖެހި ގޯލުންނެވެ. އެކަމަކު، ދެވަނަ ހާފް ފަށައިގެން ފެނޮމިނަލްސްގެ ހުސެއިން ޝިފާޒް ގޯލު ޖަހާ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ހުޅުމާލެ ހޮސްޕިޓަލް މޮޅުވި ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަބްދުﷲ ނާސިފެވެ.
މި ނަތީޖާއާ އެކު ގްރޫޕް ބީގެ އެއް ވަނައިގައި މިވަގުތު އޮތީ ތިން ޕޮއިންޓާ އެކުގައި ހުޅުމާލެ ހޮސްޕިޓަލެވެ.
ގްރޫޕް އޭގައި ޓްރީ ޓޮޕް ހޮސްޕިޓަލާއި ޓީމު ވުލްފް ބައްދަލު ކުރި މެޗު 3-3 އިން ވަނީ އެއްވަރުވެފައެވެ. މި މެޗުގައި ފުރަތަމަ ލީޑް ނަގައި ކުރި ހޯދީ ޓްރީ ޓޮޕް ހޮސްޕިޓަލުންނެވެ.
ފުރަތަމަ ހާފްގައި މި ލަނޑު ކާމިޔާބުކޮށްދިނީ ޓްރީ ޓޮޕް ހޮސްޕިޓަލްގެ އިބްރާހިމް ހައިޝަމްއެވެ. އަދި ދެވަނަ ހާފް ފަށައިގެން ޓްރީ ޓޮޕްގެ އަބްދުﷲ ވިސާމް ވަނީ އެ ޓީމަށް ލީޑް ފުޅާކޮށްދީފައެވެ. އެކަމަކު، ޓީމު ވުލްފުން ލަނޑު ޖަހައި އެ ޓީމަށް އުންމީދެއް ގެނުވައި ދިނީ ހުސެއިން ޒާހިރު (ޓުވެންޓީ)އެވެ. ޓުވެންޓީ ލަނޑު ޖެހިތާ މާ ގިނަ އިރުތަކެއް ނުވެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި އަބްދުﷲ ވިސާމް ވަނީ އިތުރު ލަނޑެއް ޖަހައި ލީޑް ފުޅާކޮށްފައެވެ.
ޓީމް ވުލްފަށް ނަތީޖާ ހަމަހަމަކޮށްދިނީ އަހުމަދު ރަނީން އަދި އަބްދުالله އަރީފް ޖަހައި ދިން ގޯލުންނެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭ މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ޓްރީޓޮޕް ހޮސްޕިޓަލް, އެޗްވައިއެމް ޓީމް ވުލްފް، ޓީމް އެފްއެފް, އެޗްވައިއެމް ވެޓަރެންސްއެވެ. ގްރޫޕް ބީގައި ހިމެނެނީ ހުޅުމާލެ ހޮސްޕިޓަލް, އެޗްވައިއެމް ފެނޮމިނަލްސް, އެޗްވައިއެމް ބްލެކް ފްލޭޝް އަދި އެޗްވައިއެމް ބުލް ޝާކްއެވެ.
މި މުބާރާތުގައި މިރޭ ވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި މިރޭ 22:15 ގައި ބައްދަލު ކުރާނީ އެޗްވައިއެމް ފެނޮމިނަލްސް އާއި އެޗްވައިއެމް ބްލެކް ފްލޭޝްއެވެ. ދެވަނަ މެޗުގައި 23:15 ގައި ބައްދަލު ކުރާނީ އެޗްވައިއެމް ޓީމް ވުލްފް އާއި ޓީމް އެފްއެފްއެވެ.
އެޗްވައިއެމް ފުޓްސަލް ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ތިލަދުން" އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!