ހއ.އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމް ހާސިލް ކުރަމުން އަންނަ، ހއ.ދިއްދޫ މާމުތީގެ، ޢާއިޝަތު ރައިނާ ރަޝީދަކީ ވަރަށް ކުޑައިރުއްސުރެ ޤުރުއާން ކްލާސްތަކަށް ގޮސް ޤުރުއާން ކިޔަވައި މުބާރާތްތަކުގައި ބައިވެރިވަމުން އައިސްފައިވާ ކުއްޖެކެވެ.

ރައިނާ މި މުބާރާތުގައި ބައިވެރިވާން ނިންމި ސަބަބުތަކުގެ ތެރޭގައި ޤުރުއާން ކިޔެވުމުގެ ގާބިލްކަން އިތުރުކުރުމާއި ޤުރުއާން އިތުރަށް ހިތުދަށްކުރުމަށް މަސައްކަތް ކުރުމުގެ ހިތްވަރު މުބާރާތުގެ ތެރެއިން ލިބިގެން ދިޔުމާއި ޤުރުއާނުގެ ފަންނުގައި އިތުރަށް ކުރިއަރައި ދިޔުމަށް ބޭނުން ވުން ހިމެނެއެވެ. އަދި މީގެއިތުރުން އޭނާގެ މައިންބަފައިން އެދޭފަދައިން، އޭނާއަކީ ޤުރުއާން އުނގެނި ދަސްކުރުމުގައި ދެމިހުރި ކުއްޖަމަށް ވުމަށާއި ދިއްދޫއަށް ރީތި ނަން ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ ވެސް އޭނާ މި މުބާރަތުގައި ބައިވެރިވާން ނިންމި ސަބަބެކެވެ.

Ad
rt

ފާއިތުވި ތަނުގައި ރައިނާ ވަނީ ގިނަ ޤުރުއާން މުބާރާތްތަކެއްގައި ވާދަކޮށްފައެވެ. އަދި ކާމިޔާބީތައް ވެސް ވަނީ ހޯދާފައެވެ. މިގޮތުން ފާހަގަކޮށްލެވޭ ކާމިޔާބީތަކުގެ ތެރޭގައި ދިއްދޫ އެންމެ އަލިގަދަ ތަރި 1444 ޤުރުއާން މުބާރާތުގެ ގަދަ 8 ވަނައިގެ ތެރޭގައި ހިމެނުމުގެ އިތުރުން، ހއ.އަތޮޅު ތައުލީމީ މަރުކަޒުން ބޭއްވި ޤުރުއާން މުބާރާތް 1443 އިން 13 އަހަރުން ދަށުގެ ހިތުން ކިޔެވުމުގެ ބައިން 2 ވަނަ ހޯދުން ފާހަގަ ކޮށްލެވެއެވެ.

ރައިނާ ދެކޭގޮތުގައި މި މުބާރާތަކީ ޤުރުއާނާއި ގުޅުންހުރި ވަރަށްގިނަ މައުލޫމާތު ލިބޭ މުބާރާތެކެވެ. އަދި ތަފާތު ރާގަށް ކިޔަވަން ފުރުސަތުލިބި އެކަމުގެ ތަޖުރިބާ ލިބުމުގެ އިތުރުން ޤުރުއާނުގެ ފަންނުގައި ކުރިއަށްދާން ބޭނުންވާ ހަމަ ކޮންމެ ފަރާތަކަށް ވެސް ވަރަށް އެކަށޭނަ ގޮތަކަށް ރާވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

ރައިނާ، ލިބޭ ހުސްވަގުތުގައި ޤުރުއާން ކިޔަވައި އޭގެ ތަރުޖަމާ ކިޔުމުގެ އިތުރުން ސްކޫލުންދޭ ފިލާވަޅުތައް ހަދައި އެ ދަސްކުރެއެވެ. ކުރެހުމާއި ޓީވީ ބެލުމުގެ އިތުރުން ވާހަކަ ކިޔުމަކީ ވެސް ލިބޭ ހުސްވަގުތުގައި އޭނާ ކޮށްއުޅޭ ކަންކަމެވެ.

ރަނގަޅު ވަނައެއް ހޯދުމުގެ އަޒުމުގައި ރައިނާ މި މުބާރާތާއި ކުރިމަތިލާއިރު، މުބާރާތުގެ އެންމެ ގަދަ ފަސް ބައިވެރިންގެ ތެރޭގައި ހިމެނުމަކީ އޭނާގެ އުންމީދެކެވެ.