ޕީއެންސީ، ޕީޕީއެމް ވެރިކަމެއްގައި ނ. މާފަރު ފަޅުގައި ރިސޯޓެއް އަޅައިދެއްވާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެރަށަށް މިއަދު ވަޑައިގެން މުއިއްޒު ވިދާޅުވީ އެރަށު ފަޅުތެރެއިން ބައެއް ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސް ކައުންސިލްގެ ބާރު ނުހިނގާ ގޮތަށް ހަމަޖައްސާފައި އޮތުމަކީ ރައްޔިތުންގެ ކަންބޮޑުވުމަކަށްވާތީ އޭނާގެ ވެރިކަމެއްގައި އެތަން ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށެެވެ.

Ad
rt

މާފަރަކީ ތަރައްގީ ކުރެވެން އޮތް ރަށެއް ކަމަށާއި އޭނާގެ ވެރިކަމެއްގައި އެ ރަށު ފަޅުތެރޭގައި ރިސޯޓެއް ހައްދަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން މި ސަރުކާރުގެ ސިއްހީ ސިޔާސަތަށް ވަރަށްބޮޑަށް ފާޑުވިދާޅުވަމުން ވަނީ މިސަރުކާރުގެ ސިއްހީ ސިޔާސަތު އޮތީ ފެއިލްވެފައި ކަމަށާއި އެކަން ރާއްޖޭގެ ކޮންމެ ހިސާބަކަށް ބަލާލި ނަމަވެސް ފެންނަން އެބައޮތް ކަމަށް ވިދާޅުވެފައެވެ. އަދި އޭނާގެ ވެރިކަމެއްގައި މާފަރު ހޮސްޕިޓަލްގެ ފެންވަރު ރަނގަޅުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ އެ ރަށުގެ މަގުތައް ތާރުއަޅައިގެން ހަދައި، ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށް، ފަތުރުވެރިކަމުގެ ފުރުސަތުތައް މާފަރާ ކައިރީގައި އިތުރުކުރާނެ ކަމަށާއި ބޯހިޔާވަހިކަމުގެ މައްސަލަ ވެސް ހައްލުކޮށްދެއްވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އެކަންކޮށްދެއްވާނީ އިންތިހާބު ކައިރިވުމުން ނޫން ކަމަށާއި އޭގެ ބަދަލުގައި އޭނާގެ ވެރިކަމުގެ ފުރަތަމަ ތިން މަސް ދުވަސް ތެރޭގައި އެކަން އެގޮތަށް ހަމަޖައްސަވައި ދެއްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.