ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހުށައެޅުއްވި، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ލޯކަލް ކައުންސިލުތައް ބާރުވެރިކުރުވުމަށްޓަކައި ހުށައެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިއަދު ފާސްކުރި އިސްލާހަކީ ގާނޫނުއަސާސީގެ އަށްވަނަ ބާބަށް ހުށަހެޅި އިސްލާހުތަކެކެވެ. މީގައި ހިމެނެނީ ސިޓީ ކައުންސިލުތަކުގެ މޭޔަރުންނާއި ޑެޕިއުޓީ މޭޔަރުން، އަދި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކުގެ ރައީސުންނާއި އެމީހުންގެ ނައިބުން ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން އިންތިހާބުކުރުމެވެ.
މީގެ އިތުރުން ކޮންމެ ރަށެއްވެސް ފުރިހަމައަށް އަތޮޅު ކައުންސިލުގައި ތަމްސީލުކުރެވި ހުރިހާ ރަށެއްގެ ބައިވެރިވުން އޮންނަ ގޮތަށް އަތޮޅު ކައުންސިލްތައް ބައްޓަންކުރުމަށްޓަކައީ، އަތޮޅު ކައުންސިލުތަކުގެ މެމްބަރުން ކަމުގައިވާނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލުގެ ރައީސުން ކަމުގައި ކަނޑައަޅަންވެސް ބިލުގައި ވަނީ ހިމަނާފައެވެ. އޭގެ އިތުރުން ދެންގެނެސްފައިވާ އިސްލާހަކީ ކައުންސިލްތަކުގެ އުމުރު ބަދަލު ކުރުމެވެ. އައު އިސްލާހުގައި ވަނީ ކައުންސިލްގެ އުމުރު ތިން އަހަރުން ފަސް އަހަރަށް ބަދަލުކުރުމަށެވެ.
ގާނޫނޫ އަސާސީއަށް ގެނައި މިއިސްލާހު މިއަދު ފާސްވެފައިވަނީ 65 މެމްބަރުންގެ ވޯޓުންނެވެ.
މި އިސްލާހަށް އަމަލުކުރަން ހަމަޖެހިފައިވަނީ އިސްލާހު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރުމަށްފަހު، އެންމެ ފުރަތަމަ ބާއްވާ ލޯކަލް ކައުންސިލް އިންތިހާބެއްގައިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!