ށ. ފޭދޫ ކައުންސިލުން ނ. އަތޮޅު ކުޑަފަރި އަދި އެ އަތޮޅު ހޮޅުދޫއަށް ތަޖުރިބާ ދަތުރެއްކޮށްފިއެވެ.
މި ދަތުރަކީ އެ ދެރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މަސައްކަތްތައް ކުރިއަށްދާގޮތް ދެނެގަނެ، ތަޖުރިބާ ހިއްސާކުރުމުގެ ދަތުރެއް ކަމަށް ފޭދޫ ކައުންސިލުން ވިދާޅުވެއެވެ.
މި ދަތުރުގައި ފޭދޫ ކައުންސިލްގެ ފަރާތުން ބައިވެރިވީ ކައުންސިލަރުންނާއި، ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކުރި މި ދަތުރުގައި އެ ކައުންސިލުން ފުރަތަމަ ޒިޔާރަތްކުރީ ކުޑަފަރިއަށެވެ. އެރަށަށް ޒިޔާރަތްކޮށް ކުޑަފަރި ކައުންސިލް މެންބަރުންނާއި، އިދާރީ މުވައްޒަފުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި ބައްދަލު ކުރަށްވާ ދެފަރާތުގެ ތަޖުރިބާ ބަދަލުކޮށްފަވެއެވެ.
ކުޑަފަރި ކައުންސިލަށް ހަނދާނީ ފިލާ ހަވާލުކުރަނީ
ކުޑަފަރިއަށްފަހު ދެން ޒިޔާރަތްކުރީ ހޮޅުދޫ އަށެވެ. އެރަށުގެ ވެސް ކައުންސިލް މެންބަރުންނާއި، އިދާރީ މުވައްޒަފުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި ބައްދަލު ކުރަށްވާ ދެފަރާތުގެ ތަޖުރިބާ ބަދަލުކުރިއެވެ.
މި ދެ ކައުންސިލަށް ވެސް ފޭދޫ ކައުންސިލުން ވަނީ ދަތުރުގެ ހަނދާނެއްގެ ގޮތުން ހަނދާނީ ފިލައެއް ހަދިޔާކޮށްފައެވެ. ފޭދޫ ކައުންސިލްގެ ފަރާތުން މި ފިލާ އެ ދެ ކައުންސިލާ ހަވާލުކުރީ ރައީސް އަޙްމަދު ރައިޝަމް އެވެ. އެ ދެ ރަށުން ފިލައާއި ހަވާލުވީ ކައުންސިލް ރައީސުންނެވެ.
ފޭދޫ ކައުންސިލްގެ ރައީސް އަހްމަދު ރައިޝަމް ''ތިލަދުން'' އަށް ވިދާޅުވީ، މި ދަތުރަކީ ފޭދޫ ކައުންސިލް މެންބަރުންނަށާއި، އިދާރީ މުވައްޒަފުންނަށާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނަށް މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދިޔަ ބޭނުންތެރި ދަތުރެއް ކަމަށެވެ.
ހޮޅުދޫ ކައުންސިލަށް ހަނދާނީ ފިލާ ހަވާލުކުރަނީ
''އަޅުގަނޑުމެންނަކީ ލާމަރުކަޒީ ޤާނޫނުން މުހިންމު ޒިންމާތަކެއް ހަވާލުވެފައިވާ ބަޔެއް، މި މަސައްކަތުގެ ރަނގަޅު ނަތީޖާއެއް ހާސިލް ކުރެވޭނީ އެހެން ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުން މަސައްކަތް ކުރާ ގޮތްވެސް ބަލައި ތަޖުރިބާ ހޯދައި، އެހެން ކައުންސިލްތަކުން ކުރާ ރަނގަޅު މުހިންމު ކަންކަން ދެނެގަނެ އެގޮތްތަކަށް މަސައްކަތް ބައްޓަންކޮށްގެން،'' ރައިޝަމް ވިދާޅުވިއެވެ.
ރައިޝަމް ވިދާޅުވީ، މި ދަތުރުން ތިން ކައުންސިލަށް ވެސް މުހިންމު ކަންތައްތަކެއް އިނގިގެން ދިޔަ ކަމަށެވެ. އަދި ލިބުނު މައުލޫމާތުގެ ބޭނުން ކުރިމަގުގައި ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ފޭދޫ ކައުންސިލުން ވަނީ ކުޑަފަރިއާއި ހޮޅުދޫގެ ކައުންސިލްތަކުން އެ ކައުންސިލަށް ދިން މެޙްމާންދާރީ ފާހަގަކޮށް، ޝުކުރު އަދާކޮށްފައެވެ.
ފޭދޫ ކައުންސިލުން ނ. އަތޮޅު ކުޑަފަރި އަދި އެ އަތޮޅު ހޮޅުދޫއަށް ތަޖުރިބާ ދަތުރެއް ކުރިއިރު، އެހެން ބަޔެއް ކައުންސިލްތަކުން ވެސް އަންނަނީ މިފަދަ ދަތުރުތައް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!