ޕެރަގުއާއީގެ ޑިޖިޓަލް ބޭންކެއް ކަމަށްވާ އުއެނޯ ބޭންކް ބަނގުރޫޓުވެ، އެ ގައުމުގައި އުފެދުނު ބޮޑު ކޮރަޕްޝަންގެ މައްސަލައިގައި ރައީސް ސަންތިއާގޯ ޕެންޔާ މަގާމުން ދުރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އިތުރުން މަރުކަޒީ ބޭންކުގެ ކުރީގެ ވެރިޔާ ހައްޔަރުކޮށްފިއެވެ.

ގާތްގަނޑަކަށް ހަ މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޕެރަގުއާއީގެ ތިން މިލިއަނެއްހާ އެކައުންޓް ހިމެނޭ މި ބޭންކު ހުއްޓުމަކަށް އައުމާ ގުޅިގެން އެ ގައުމަށް ވަނީ ސިޔާސީ އަދި އިގުތިސާދީ ގޮތުން ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިފައެވެ.

Ad
rt

ޕެރަގުއާއީގެ ސެނެޓުން ރައީސް ސަންތިއާގޯ ޕެންޔާ އިމްޕީޗްކޮށް މަގާމުން ދުރުކުރުމާ ގުޅިގެން، ފަނޑިޔާރު ހުމްބަރޓޯ އޮޓާޒޫ ވަނީ ޝަރީއަތް ނިމެންދެން އޭނާ އަސްކަރީ މަރުކަޒެއްގައި ބަންދުގައި ބަހައްޓަން އަމުރުކުރައްވާފައެވެ. ޕެންޔާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އަމާނާތަށް ހިޔާނާތްތެރިވުމާއި، އަމިއްލަ މަންފާއަށް މަގާމުގެ ނުފޫޒު ބޭނުންކުރުމުގެ ދައުވާއެވެ. މިއީ ސަރުކާރުގެ އިދާރާތަކުގެ ފައިސާ އުއެނޯ ބޭންކަށް ޖަމާކުރަމުން ދިޔައިރު، 2025 ވަނަ އަހަރާ ހަމައަށް އެ ބޭންކުގެ މައި ހޯލްޑިން ކުންފުނީގެ ހިއްސާ ޕެންޔާ މިލްކުކުރައްވާފައިވާ މައްސަލައިގައެވެ. ނަމަވެސް، ޕެންޔާގެ ގާނޫނީ ވަކީލު ވަނީ މި ތުހުމަތުތަކަށް އިންކާރުކޮށް، އޭނާ ކުށެއް ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޕެންޔާ މަގާމުން ވަކިކުރުމާ ގުޅިގެން، އެ ގައުމުގެ ރައީސްކަމުގެ ހުވާ މިހާރު ވަނީ ކުރީގެ ނައިބު ރައީސް ޕެޑްރޯ އަލިއާނާ ކުރައްވާފައެވެ. މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފަނޑިޔާރު އޮޓާޒޫ ވަނީ ޕެރަގުއާއީގެ މަރުކަޒީ ބޭންކުގެ ކުރީގެ ވެރިޔާ ކާލޯސް ކާވާލޯ ވެސް ޝަރީއަތް ނިމެންދެން ބަންދު މަރުކަޒެއްގައި ބެހެއްޓުމަށް އަމުރުކުރައްވާފައެވެ. ޕްރޮސެކިއުޓަރުން ކާވާލޯގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި އަމާނާތަށް ހިޔާނާތްތެރިވުމާއި، ދައުލަތުގެ ސައްހަ ނޫން ލިޔެކިޔުންތައް އުފެއްދުމުގެ އިތުރުން އަމިއްލަ މަންފާއަށް މަގާމުގެ ނުފޫޒު ބޭނުންކުރުން ހިމެނެއެވެ.

އުއެނޯ ބޭންކު ބަނގުރޫޓުވުމާ ގުޅިގެން ސަރުކާރުގެ އެކި އިދާރާތަކާއި ޕެންޝަން ފަންޑުގެ އެތައް މިލިއަން ޑޮލަރެއްގެ ޑިޕޮސިޓްތައް ވަނީ އެ ބޭންކުގެ ތެރޭގައި ތާށިވެފައެވެ. މީގެ އިތުރުން، އިންޓަ-އެމެރިކަން ޑިވެލޮޕްމަންޓް ބޭންކާއި ޓައިވާނުން އާންމު އުމްރާނީ މަސައްކަތްތަކަށް ދޫކޮށްފައިވާ ގާތްގަނޑަކަށް 21 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ފައިސާ ވެސް ހުރީ އެ ބޭންކުގެ އެކައުންޓްތަކުގައި ތާށިވެފައެވެ.

ބޭންކުގެ އެކައުންޓްތައް ކުއްލިއަކަށް ފްރީޒްކުރުމާ ގުޅިގެން، އޭގެ ނޭދެވޭ އަސަރު ގުޅުންހުރި އެތައް ވިޔަފާރިއަކަށާއި ހިދުމަތްތަކަކަށް ވަނީ ފޯރާފައެވެ. ހާއްސަކޮށް، އުއެނޯ ބޭންކުގެ ފައިސާ ދެއްކުމުގެ ނިޒާމަށް ބަރޯސާވެގެން ހިންގަމުން އައި މަގުބޫލު ރައިޑް-ހެއިލިން ޕްލެޓްފޯމްތަކުގެ ހިދުމަތްތައް ހުއްޓުމަކަށް އައުމުގެ ސަބަބުން، އެ ދާއިރާގައި މަސައްކަތްކުރާ އެތައް ހާސް މަސައްކަތްތެރިންނެއްގެ މަސައްކަތް ހުއްޓި ހާލުގައި ޖެހިފައިވެއެވެ.

މި މައްސަލައިގައި ގެއްލުންވި ފަރާތްތަކަށް އެހީވުމުގެ ގޮތުން، ރެގިއުލޭޓަރުން މިހާރު ވަނީ ޑިޕޮސިޓް އިންޝުއަރެންސްގެ ފުރަތަމަ ފިޔަވަހީގެ ފައިސާ ދޫކުރަން ފަށާފައެވެ. އެގޮތުން 10 މިލިއަން ގުއަރަނީ (ގާތްގަނޑަކަށް 1،500 އެމެރިކާ ޑޮލަރު) އާ ހަމައަށް ހުރި އެކައުންޓްތަކަށް ފައިސާ ދޫކުރަމުން އަންނައިރު، ޑިޕޮސިޓް އިންޝުއަރެންސްގެ ގޮތުގައި އެންމެ މަތިން ވެސް ލިބެނީ ގާތްގަނޑަކަށް 35،000 ޑޮލަރެވެ. މިއީ އަމިއްލަ ފަރުދުންގެ އެކައުންޓްތަކުގެ 97 އިންސައްތަ ކަވަރުކުރެވޭނެ އަދަދެއް ކަމަށް އޮފިޝަލުން ހާމަކުރެއެވެ. މަރުކަޒީ ބޭންކުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި މިއީ މުޅި ބޭންކިން ދާއިރާ ފެއިލްވުމެއް ނޫން ކަމަށާއި، މިއީ ވަކި ހާއްސަ ހާދިސާއެއްގެ ގޮތުގައި ހިނގި ކަމެކެވެ.