ކުރިއަށް އޮތް ރަމަޟާން މަހުގެ ދަނޑުވެރިކަމަށް އެހީތެރިވުމުގެ ގޮތުން، ށ. ގޮއިދޫގެ ދަނޑުވެރިންނަށް 5 ކިލޯގެ ޔާރާ މިލާ ހަދިޔާކުރުމަށް ނިންމައި، އެކަމަށް ރަޖިސްޓްރީވުމުގެ ފުރުޞަތު އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އިން ހުޅުވާލައިފިއެވެ.
މި ހަރަކާތަކީ ގޮއިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން "ދަނޑުވެރިންނަށް އެހީއެއް" މި ނަމުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއްގެ ދަށުން ހިންގާ ހަރަކާތެއް ކަމަށް އެ ކޮމިޓީން މައުލޫމާތުދެއެވެ.
ގޮއިދޫ އތމ ކޮމިޓީން ހާމަކުރި ގޮތުގައި، ކުރިއަށް އޮތް ރަމަޟާން މަހަށް ޚާއްޞަކޮށްގެން ދަނޑުހައްދާ ކޮންމެ ދަނޑުވެރިއަކަށް ވެސް 5 ކިލޯގެ ޔާރާމިލާ ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ. މި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ގޮއިދޫގައި މިހާރު ވެސް ދިރިއުޅޭ، އަދި އަމަލީ ގޮތުން ދަނޑުވެރިކަން ކުރަމުން އަންނަ ދަނޑުވެރިންނަށް ކަމަށް އެ ކޮމިޓީން ބުނެއެވެ.
ޔާރާ މިލާ ބޭނުންވާ ދަނޑުވެރިން މި ހިނގާ ނޮވެމްބަރު މަހުގެ 10 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން ރަޖިސްޓްރީވުމަށް އެ ކޮމިޓީން ވަނީ އެދިފައެވެ. ރަޖިސްޓްރޭޝަން ކުރިއަށްދަނީ ކޮމިޓީގެ ރަސްމީ ފޭސްބުކް ޕޭޖުގައި އާންމުކޮށްފައިވާ ގޫގުލް ފޯމު މެދުވެރިކޮށެވެ.
ށ. ގޮއިދޫއަކީ މުޅި ބޮޑުތިލަދުންމައްޗަށް ވެސް ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް މަޝްހޫރު ރަށެކެވެ. އެ ރަށުގެ ދަނޑުވެރިން އަންނަނީ އަހަރުގެ އެކި ދުވަސްވަރު ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުންނެވެ.
ޚާއްޞަކޮށް ރަމަޟާން މަހާ ދިމާކޮށް ގޮއިދޫގައި ގިނަ އަދަދަކަށް ހައްދާ ކަރަޔާއި ކިޔުކަންބާގެ އިތުރުން މިރުހާއި ތަފާތު ބާވަތްތަކުގެ ފަތްޕިލާވެލި، ކައިރި ރަށްރަށަށާއި މުޅި އަތޮޅުތެރެއަށް ފޮނުވާކަން ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!