ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ފެނަކަ ކޯޕަރޭޝަނުން ޔުޓިލިޓީގެ ޚިދުމަތް ދެމުންގެންދިޔަ ހުރިހާ ރަށެއް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށް ބަދަލުކޮށް އިއްޔެ އެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.
މި ބަދަލާ ގުޅިގެން އެންމެ ފަހު ރަށެއްގެ ގޮތުގައި ޚިދުމަތާ ހަވާލުވެ، އެ ކުންފުނީގެ ދިދަ ނަގާފައިވަނީ ލ. ފޮނަދޫގައެވެ.
އިއްޔެ ލ. ފޮނަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޤައުމީ ދިދަ ނަންގަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރެވެ. އަދި އެ ރަސްމިއްޔާތުގައި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ކުންފުނީގެ ސައުތު ރީޖަނަލް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރ އަޙްމަދު ޝަރުނީޒެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު ވިދާޅުވީ، ރަށްތަކުގެ ޚިދުމަތްތަކާ އެ ކުންފުނިން ހަވާލުވުމުން ރައްޔިތުން މި ޚިދުމަތްތަކާމެދު ކުރާ އުއްމީދު ބޮޑުވެފައިވާ ކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ ވިސްނުންފުޅާއި، ދުރުވިސްނޭ ސިޔާސަތުތަކުގެ ތެރެއިން ނިންމަވާފައިވާ ވަރަށް މުހިންމު އަދި ބޭނުންތެރި ނިންމެވުމެއްކަން ފާހަގަކުރައްވައި އެމަނިކުފާނަށް އެމްޑީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މީގެއިތުރުން، ރައްޔިތުން މި ޚިދުމަތްތަކާމެދު ކުރާ އުއްމީދުތައް ޙާޞިލްކޮށްދިނުމަށްޓަކައި ކުންފުންޏާއި ކުންފުނީގެ މުވައްޒަފުން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަންވެސް މެނޭޖިންގ ޑިރެކްޓަރ ވަނީ ދެއްވާފައެވެ.
މީގެ ކުރިން ސްޓެލްކޯއިން ޔުޓިލިޓީ ޚިދުމަތް ދެމުން ގެންދިޔައީ މާލެ ސަރަހައްދުގެ އިތުރުން ކ. އަތޮޅު، އއ. އަތޮޅު، އދ. އަތޮޅު އަދި ވ. އަތޮޅުގައެވެ. އަދި ފެނަކަ އުވާލަން ސަރުކާރުން ނިންމުމުގެ ކުރިން ބ. އަތޮޅު، ޅ. އަތޮޅު އަދި މ. އަތޮޅުގެ ރަށްތަކުގެ ޚިދުމަތްތައްވެސް ވަނީ ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ. މިއަދު ގެނެވުނު ބަދަލާއެކު، ބާކީ ހުރި އަތޮޅުތަކުގެ 127 ރަށެއްގެ ޔުޓިލިޓީ ޚިދުމަތްތައް މިހާރު ވަނީ ރަސްމީކޮށް ސްޓެލްކޯގެ ދަށަށް ގެނެވިފައެވެ.
އަލަށް ހަވާލުވި ރަށްތަކުގެ ހިންގުން ހަރުދަނާކޮށް، ސްޓެލްކޯގެ މިންގަނޑުތަކަށް ޚިދުމަތްތައް ފެއްތުމަށްޓަކައި ކުންފުނީގެ އިދާރީ އޮނިގަނޑަށް މިހާރު ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން އަތޮޅުތަކުގެ އިންޖީނުގެތައް ހިންގާ ބެލެހެއްޓޭނެ އެންމެ އެކަށީގެންވާ އޮނިގަނޑެއް އެކުލަވާލައި، އެ އޮނިގަނޑު ތަންފީޒުކުރަން ފަށާފައިވާ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
ފެނަކައިން ކުރިން ޚިދުމަތް ދެމުން އައި އަތޮޅުތެރޭގެ ރަށްތައް ކުންފުނީގެ ދަށަށް ގެނައުމުގެ ޢަމަލީ މަސައްކަތުގައި ސްޓެލްކޯގެ ޖުމްލަ ހަތަރު ޓީމަކުން އަތޮޅުތެރޭގައި ވަނީ ހަރަކާތްތެރިވެފައެވެ. އެ މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމާލުމާއެކު، އަތޮޅުތަކުގެ ޔުޓިލިޓީ ޚިދުމަތްތައް އެއް ނިޒާމަކުން ފޯރުކޮށްދިނުމުގެ އައު ފެށުމަކަށް މިހާރު ވަނީ މަގުފަހިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!