ފައިސާ މާރުކުރުމުގެ މުއާމަލާތްތައް ރެކޯޑުކުރަން އެމްއެމްއޭއިން އާ ޕްލެޓްފޯމެއް ތައާރަފްކޮށްފި
މަނީ ޗޭންޖިންގ ވިޔަފާރިކުރުމުގެ ލައިސަންސް ދީފައިވާ ފަރާތްތަކުގެ މަސައްކަތްތައް ޒަމާނީކޮށް، އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފްކޮށްފިއެވެ.
"މަނީ ޗޭންޖަރ ސިސްޓަމް" ގެ ނަމުގައި މި ޕްލެޓްފޯމް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި އާ ނިޒާމު އިފްތިތާހުކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީއެވެ. މި ސިސްޓަމަކީ ރާއްޖޭގައި ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިކުރާ ފަރާތްތަކުގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ލުއިފަސޭހަތަކެއް ގެނެސްދިނުމަށް އެކުލަވާލާފައިވާ ވަސީލަތެކެވެ.
އެމްއެމްއޭއިން މައުލޫމާތު ދޭ ގޮތުގައި، މި ސިސްޓަމަކީ މަނީ ޗޭންޖިންގ ވިޔަފާރިކުރާ ފަރާތްތަކުގެ އިދާރީ އަދި އޮޕަރޭޝަނަލް އެންމެހައި މަސައްކަތްތައް އެއް ފުރާޅެއްގެ ދަށުން ޑިޖިޓަލައިޒް ކުރުމަށްޓަކައި ހާއްސަކޮށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ. މީގެ ސަބަބުން ކަރުދާހަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެއެވެ.
މި ޑިޖިޓަލް ނިޒާމުގެ ތެރެއިން އިދާރީ މަސައްކަތްތައް އޮޓޮމޭޓްކުރެވިގެންދާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ. އަދި މަރުކަޒީ ބޭންކާއި ލައިސަންސް އޮންނަ ފަރާތްތަކާ ދެމެދު ދުވަހުން ދުވަހަށް ކުރެވޭ މުއާމަލާތްތައް މިހާރަށްވުރެ ބޮޑަށް އަވަސްވެ، ފަސޭހަކަމާއެކު އެ މަސައްކަތްތައް ކުރިއަށްގެންދިއުމުގެ މަގު ފަހިވެގެންދާނެއެވެ.
މީގެއިތުރުން، ފައިސާ މާރުކުރުމަށް ހިންގާ އެކި މުއާމަލާތްތައް ރެކޯޑުކުރުމަށާއި، ކަމާބެހޭ ރިޕޯޓުތައް އެކުލަވާލައި ހުށަހެޅުމަށްވެސް މި ޕްލެޓްފޯމްގެ ސަބަބުން ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އެގޮތުން، ގަވާއިދުން މަރުކަޒީ ބޭންކަށް ފޮނުވަންޖެހޭ މައުލޫމާތުތައް މި ސިސްޓަމް މެދުވެރިކޮށް ހިއްސާކުރުމާއި، މުއާމަލާތްތަކުގެ ރިޕޯޓުތައް ފަސޭހައިން ހުށަހެޅުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ.
އެމްއެމްއޭއިން ފާހަގަކުރި ގޮތުގައި، މި ޕްލެޓްފޯމާއެކު މަނީ ޗޭންޖިންގ ދާއިރާގެ އެންމެހައި ކަންކަން ސުޕަވައިޒްކޮށް، ގާތުން ބެލެހެއްޓުމުގައި ރެގިއުލޭޓަރަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި މިއީ މުޅި މާލީ ދާއިރާގެ ހިންގުން އިތުރަށް ހަރުދަނާވެ، އިތުބާރު ބޮޑުވެގެންދާނެ ކަމެއް ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
މި އާ އުސޫލުތަކަށް އަމަލުކުރަން ފެށުމުގެ ގޮތުން، 1 ޑިސެމްބަރު 2026 އިން ފެށިގެން، ރާއްޖޭގައި މަނީ އެކްސްޗޭންޖް ލައިސަންސް އޮންނަ ހުރިހާ ފަރާތްތަކަކުން ވެސް ފައިސާ މާރުކުރުމުގެ މުއާމަލާތްތައް ރެކޯޑުކޮށް އަދި ރިޕޯޓުކުރުމަށް ބޭނުންކުރަން ޖެހޭނީ މި ސިސްޓަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!