ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ޚާއްޞަ ސެޝަނެއް މިރޭ ފުނަދޫގައި: ހުރިހާ ރައްޔިތުންނަށް ދަޢުވަތު!
ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ށ. ފުނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްޞަ ސެޝަނެއްގައި ބައިވެރިވުމުގެ ފުރުޞަތު އެ ރަށުގެ އެންމެހައި ރައްޔިތުންނަށް ހުޅުވާލައި، އެކަމަށް ފުނަދޫ ކައުންސިލުން ދަޢުވަތު ދީފިއެވެ.
މި ސެޝަނަކީ ށ. އަތޮޅު ހޮސްޕިޓަލާއި ފުނަދޫ ކައުންސިލް ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށްގެންދާ ޙަރަކާތެކެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:15 ގައި ފުނަދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
ފުނަދޫ ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މި ސެޝަން ކުރިއަށް ގެންދިއުމުގެ މައިގަނޑު އެއް މަޤްޞަދަކީ ދިރިއުޅުމުގައި ދިމާވާ އެކިއެކި ޙާލަތްތަކުން އަރައިގަތުމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.
މީގެ އިތުރުން، އާންމު ދިރިއުޅުމުގައި ނަފްސާނީގޮތުން ދުޅަހެޔޮކަން އިތުރުކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ޢާންމުން ހޭލުންތެރިކުރުވުމަކީވެސް މި ސެޝަނުގެ މުހިންމު ބޭނުމެއް ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.
ނަފްސާނީ ދުޅަހެޔޮކަމަކީ މުޖުތަމަޢުގެ އެންމެންގެ ދިރިއުޅުމާވެސް ގުޅިފައިވާ މުހިންމު ކަމަކަށް ވާތީ، މި ސެޝަނުގައި އެ ރަށުގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ކައުންސިލުން ވަނީ އެދިފައެވެ.
އަތޮޅު ހޮސްޕިޓަލާއި ކައުންސިލް ގުޅިގެން ކުރިއަށްގެންދާ މި ސެޝަނަށް ފުނަދޫގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވާފައިވާއިރު، މިރޭ 8:15 ގައި ކައުންސިލް އިދާރާގެ މާލަމަށް ހާޒިރުވެ މި ފުރުޞަތުގެ ބޭނުން ހިފުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!