ކުނި ނައްތާލުމަށްޓަކައި ކުނިގޮނޑަށް ގެންދިޔުމަށާއި، ކުނި އެންދުމަށްޓަކައި ރަށުތެރޭގައި އަލިފާން ރޯ ނުކުރުމަށް ހއ. އުތީމު ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

އެ ކައުންސިލުން މިކަމަށް އިލްތިމާސްކޮށްފައިވަނީ ރަށުތެރޭގައި ކުނި އެންދުމާ ގުޅިގެން ނެރުނު އިޢުލާނެއްގައެވެ.

Ad
rt

އުތީމު ކައުންސިލުން ބުނީ، ރަށުތެރޭގައި ކުނި ނައްތާލުމުގެ މަސައްކަތް ކުރަންވާނީ އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އެގޮތުން ކުނި ނައްތާލަން ބޭނުންވާ ހާލަތްތަކުގައި އެތަކެތި ގެންދަންވާނީ ރަށުގެ ކުނިގޮނޑަށް ކަމަށް އެ އިދާރާއިން ހާމަކުރެއެވެ.

މީގެއިތުރުން، ރަށުތެރޭގައި ކުނި އެންދުމަކީ މީގެ ކުރިން ވެސް އެ ކައުންސިލުން މަނާކޮށްފައިވާ ކަމެއްކަން އުތީމު ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ރަށުތެރޭގައި އެއްވެސް ބާވަތެއްގެ ކުންޏެއް އެންދުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ކައުންސިލުން ބުނެއެވެ.

ނަމަވެސް، މި އެންގުމާ ޚިލާފަށް މިހާރަކަށް އައިސް ރަށުގެ އެކި ސަރަހައްދުތަކުގައި ކުނި އަންދަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. އަދި މިގޮތަށް ކަންކަން ހިނގަމުންދާތީ އެކަމުގެ ޝަކުވާތައް ތަކުރާރުކޮށް އެ އިދާރާއަށް ލިބެމުންދާ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ރަށުތެރޭގައި މިގޮތަށް ކުނި އެންދުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު އާންމުންނަށް ކުރަމުންދާކަން ކައުންސިލުން ފާހަގަކުރެއެވެ. ޚާއްޞަކޮށް ކުނި އަންދާ ސަރަހައްދުތަކާއި ކައިރި ހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް އެކަމުގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް ކައުންސިލުގެ އިޢުލާނުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، ރަށުގެ އެންމެހައި ރައްޔިތުންގެ ފަސޭހައަށްޓަކައި ރަށުތެރޭގައި ކުނި އެންދުމަށް އަލިފާން ރޯކުރުން ހުއްޓާލުމަށާއި، ކުނި ނައްތާލުމަށްޓަކައި އަބަދުވެސް ކުނިގޮނޑަށް ކުނި ގެންދިއުމަށް އުތީމު ކައުންސިލުން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.