"މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގެ މަޤުސަދު ފުރިހަމައަށް ހާސިލުކުރެވިފައިވާ ކަމަށާއި، ފާއިތުވި އަހަރުތަކާ އަޅާބަލާއިރު މިއަހަރުގެ އެކްސްޕޯއަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

އެކްސްޕޯ ކުރިއަށްދިޔަ ސަރަހައްދުގައި ހުންނަވައިގެން ދައުލަތުގެ މީޑިއާ އަށް ދެެއްވި ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވެފައި ވަނީ، މި އަހަރުގެ އެކްސްޕޯގައި ބައިވެރިވުމަށް ވަރަށް ގިނަ އަދަދެއްގެ ފަރާތްތަކުން އެދިފައިވާ ކަމަށެވެ. އަދި މި ހަރަކާތަކީ ބައިވެރިވި އެންމެހައި ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ޕްރޮމޯޝަނެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

Ad
rt

ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ އެކްސްޕޯގެ ސްޓޯލްތައް ފެނިގެންދިޔައީ މާ ފުރިހަމަކޮށް އަދި މާ ފެންވަރު މަތިކޮށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ސިއްހީ ދާއިރާގެ ތަފާތު އެކި ކަންކަމާ ގުޅޭ މައުލޫމާތުތައް އާންމުންނަށް ވަރަށް ފުރިހަމައަށް މި ފަހަރު ވަނީ ފޯރުކޮށްދީފައެވެ.

މީގެއިތުރުން، ސިއްހީ އެކި ހެލްޕް ލައިންތަކާއި، އެކި ޚިދުމަތްތައް ހޯދުމުގައި ފުރިހަމަކުރަންޖެހޭ ޕްރޮސެސްތަކާ ބެހޭ މައުލޫމާތު ވެސް އެކްސްޕޯގެ ތެރެއިން އޮޅުންފިލުވައިދީފައިވެއެވެ. އަދި ޕެނަލް ޑިސްކަޝަންތަކާއެކު އާންމުން ހޭލުންތެރިކުރުމުގެ މުހިންމު ހަރަކާތްތަކެއް މި އެކްސްޕޯއިން ފެނިގެން ގޮސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި އަހަރުގެ އެކްސްޕޯއިން ލިބުނު ތަޖުރިބާއާއެކު، އަންނަ އަހަރުގެ އެކްސްޕޯ މިއަށްވުރެ ފުރިހަމައަށް އިންތިޒާމުކުރައްވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން މި ފަހަރު ލިބުނު ތަޖުރިބާގައި އަލީގައި އިތުރަށް ތަރައްގީ ކުރެވިދާނެ ކަންކަމަކީ ކޮބައިކަން އެނގެންގޮސްފައިވާކަމަށާއި، އުންމީދަކީ އަންނަ އަހަރުގެ އެކްސްޕޯ މިއަށްވުރެ ފުޅާކުރެވިގެންދިޔުންކަމަށް ވަޒީރު ވިދާޅުވިއެވެ.

ސިއްހީ ދާއިރާއާ ގުޅުންހުރި އެންމެހާ މުއައްސަސާތަކާއި، ޖަމްޢިއްޔާ ޖަމާއަތްތައް އަދި ހެލްތު ފެސިލިޓީތަކުން ދެމުންގެންދާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން އެންމެނަށް ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ މި އެކްސްޕޯއަށް ގިނަ އަދަދެއްގެ އާންމުން ވަނީ ޒިޔާރަތްކޮށްފައެވެ.