ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ މަޤްޞަދުގައި ށ. ފުނަދޫގައި ޚާއްޞަ ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމަކީ ފުނަދޫ ކައުންސިލާއި ށ. އަތޮޅު ހޮސްޕިޓަލް ގުޅިގެން، އެ ރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގި ހަރަކާތެކެވެ.
ށ. އަތޮޅު ހޮސްޕިޓަލުން ބުނި ގޮތުގައި، މި ޕްރޮގްރާމްގެ ތެރެއިން މައިގަނޑު ގޮތެއްގައި މަޢުލޫމާތު ދީފައިވަނީ އުމުރުން ދުވަސްވުމުން ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކާއި، އެ އުމުރުގެ ސަބަބުން ލިބޭ ފައިދާތަކާ ގުޅޭގޮތުންނެވެ.
މީގެއިތުރުން، އުމުރުން ދުވަސްވާ މަރުޙަލާގައި ކުރިމަތިވެދާނެ ނަފްސާނީ މައްސަލަތަކަކީ ކޮބައިކަމާއި، އެފަދަ ކަންކަމުން ރައްކާތެރިވެ، އަރައިގަންނާނެ ގޮތްތަކުގެ މައްޗަށް ވެސް ސެޝަންތަކުގައި ވަނީ އަލިއަޅުވާލާފައެވެ.
ހަމައެއާއެކު، އަމިއްލަ ނަފްސަށް އަޅާލުމުގެ މުހިންމުކަން ބައިވެރިންނަށް ބަޔާންކޮށްދީ، ނަފްސާނީ ގޮތުން ދުޅަހެޔޮ މީހެއްގެ ގޮތުގައި ދެމިހުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް ވެސް ވަނީ ފޯރުކޮށްދީފައެވެ.
ނަފްސާނީ ހަމަޖެހުމަށް އެހީތެރިވެދޭ މުހިންމު ހުނަރުތަކެއްގެ ގޮތުގައި ފުންކޮށް ނޭވާލުމާއި، ހަށިގަނޑާއި ސިކުނޑި ހަމައަކަށް އެޅުވުމުގެ އިތުރުން ހިތުން ސިފަކުރުން ފަދަ އުކުޅުތައް މި ޕްރޮގްރާމްގެ ތެރެއިން ޢަމަލީގޮތުން ބައިވެރިން ލައްވާ ފަރިތަކުރުވާފައިވާ ކަމަށް ވެސް ށ. އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!