ޣައްޒާގެ އުތުރަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން، އިސްރާއީލުން ކުރިން ދިން ހަމަލާތަކެއްގައި ގެއްލުން ލިބިފައި ހުރި އިމާރާތެއްގެ ފާރެއް ވެއްޓި ފަލަސްތީނުގެ ދެ މީހަކު ޒަޚަމްވެއްޖެއެވެ.
މި ކާރިސާއާއި ގުޅިގެން މުޅި ޣައްޒާއަށް ބޯކޮށް ވާރޭވެހި، ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކު ދިރިއުޅެމުންދާ ފޭލިގެތަކުގައި ވަނީ ފެންބޮޑުވެފައެވެ.
ޣައްޒާގެ ސިއްހީ އޮފިޝަލަކާއި ހަވާލާދީ ތުރުކީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހު ފާރު ވެއްޓި ދެ މީހުން ޒަޚަމްވީ އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ކުރިން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިމާރާތެއްގެ ބައެއް ބޯ ވާރޭގެ ސަބަބުން ކަނޑައިގެން ވެއްޓުމާ ގުޅިގެންނެވެ.
ހާދިސާ ދުށް މަންޒަރުދުށް މީހުން ބުނި ގޮތުގައި، ބޯކޮށް ވާރޭވެހުމުގެ ސަބަބުން ޣައްޒާ ސިޓީގެ ބަނދަރު ސަރަހައްދާއި، ދީރުލް ބަލަޙްގެ ހުޅަނގު ފަރާތާއި، ނުސައިރާތު ރެފިއުޖީ ކޭމްޕުގެ އުތުރުގެ އިތުރުން ޖަބަލިއާ އަދި ބައިތު ލާހިޔާގައި ޖަހާފައިވާ އެތައް ހާސް ފޭލިގެއެއްގައި ވަނީ ފެންބޮޑުވެފައެވެ.
މި ހާދިސާތައް ހިނގާފައި މިވަނީ، ފިނި ވައިރޯޅިތަކާއެކު ބޯކޮށް ވާރޭ ވެއްސަމުންދާ ލޯ-ޕްރެޝާ ސިސްޓަމެއްގެ އަސަރު މުޅި ޣައްޒާގެ ސަރަހައްދަށް ކުރަން ފެށުމާ ގުޅިގެންނެވެ.
މި މޫސުމީ ހާލަތުގެ ސަބަބުން، އިސްރާއީލުގެ ޤަތުލުއާންމުގެ ހަނގުރާމައިގައި ގެދޮރާއި އުމްރާނީ ވަސީލަތްތައް ހަލާކުވެ، ހާލުގައި ޖެހިފައިވާ އެތައް ހާސް ފަލަސްތީނު ރައްޔިތުންގެ ތަކުލީފުތައް ވަނީ އިތުރަށް ބޮޑުވެފައެވެ. އެ މީހުން ދިރިއުޅެމުންދަނީ ފިންޏާއި ވާރެއިން އެކަށީގެންވާ ރައްކާތެރިކަމެއް ނުލިބޭ، އަދި ހޫނުކުރެވޭނެ އެއްވެސް ވަސީލަތެއް ނެތް ބާވެ ހަލާކުވެފައިވާ ފޭލިގެތަކުގައެވެ.
އޮކްޓޫބަރު 2023 އިން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ހިންގަމުންދާ ޤަތުލުއާންމުގެ ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 74،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، 175،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފައެވެ. އަދި އާންމުންގެ އުމްރާނީ ވަސީލަތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީ ސުންނާފަތިކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!