ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ކޫލްފްލައިން އުފައްދާފައިވާ، މީހަކާއެކު ދަތުރުކުރާ ޑްރޯން ނުވަތަ އީވީޓޯލް އެއާކްރާފްޓް ރާއްޖޭގައި ދައްކާލައިފިއެވެ.

މިއީ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ތައާރަފުވަމުން އަންނަ ޒަމާނީ ޓެކްނޮލޮޖީ ރާއްޖޭގައި ތަޖުރިބާކޮށްލުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

Ad
rt

މި އުޅަނދު އާންމުކޮށް ދައްކާލުމުގެ ހަރަކާތް ބާއްވާފައި ވަނީ އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީ ގުޅިގެންނެވެ. އެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގުޅޭ ސަރަހައްދުގައެވެ.

މި ހަރަކާތުގެ ތެރޭގައި އެ އުޅަނދު ވައިގެ ތެރެއަށް އުދުއްސައި އަދި ބިމަށް ޖައްސާ މަންޒަރު ވަނީ އަމަލީ ގޮތުން ދައްކާލާފައެވެ. އިލެކްޓްރިކް ވާޓިކަލް ޓޭކްއޮފް އެންޑް ލޭންޑިން (އީވީޓޯލް) އަކީ ހެލިކޮޕްޓަރެއް ފަދައިން ސީދާ މައްޗަށް އެރޭ އަދި ތިރިކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދެކެވެ.

ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނީ، މީގެ ސަބަބުން ރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށާއި، ވިޔަފާރިތަކަށާއި އަދި އެހެނިހެން ހިއްސާދާރުންނަށް ރާއްޖޭގައި އިލެކްޓްރިކް އޭވިއޭޝަން ބޭނުންކުރެވިދާނެ ގޮތްތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މީގެއިތުރުން، ރާއްޖޭގައި މިފަދަ އުޅަނދުތައް ބޭނުންކުރުމުގެ ފުރުސަތުތައް ދެނެގަތުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑާއި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، އިންފްރާސްޓްރަކްޗަރ އަދި ބޭނުންވާ ފަންނީ ގާބިލުކަން ވަޒަންކުރުމަށްވެސް މި ހަރަކާތުގެ ސަބަބުން އެހީތެރިވެދޭނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

އެ ވުޒާރާއިން ފާހަގަކުރި ގޮތުގައި، މިފަދަ އުޅަނދުތަކުގެ ބޭނުން ރާއްޖޭގައި ހިފިދާނެ ދާއިރާތަކުގެ ތެރޭގައި ރާއްޖޭގެ އެކި ރަށްރަށަށް ބޭހުގެ ބާވަތްތައް ފަސޭހަކަމާއެކު ފޮނުވުމާއި، މެޑިކަލް އިވެކުއޭޝަންތައް ކުރިއަށްގެންދިއުމުގެ އިތުރުން ތިމާވެއްޓާ ގުޅޭ ބައެއް އިންސްޕެކްޝަންތައް ހެދުން ހިމެނެއެވެ.

މިފަދަ ޚިދުމަތްތަކުގެ ސަބަބުން ރާއްޖޭގައި އާ ސިނާއަތްތަކާއި ވަޒީފާގެ އައު ފުރުސަތުތައް އުފެއްދިދާނެ ކަމަށްވެސް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުންޏެވެ. މި ޑްރޯން އުދުއްސާލާ މަންޒަރު ފެންނަ ވީޑިއޯއެއް، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ވަނީ މީސްމީޑިއާގައި ހިއްސާކުރައްވާފައެވެ.