މާތްވެގެންވާ ބިމަށް ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރުމުގެ ތައްޔާރީތައް ފުރިހަމަކޮށް، އިޙްރާމް ބަނދެގެން އެއާޕޯޓުގައި ދުޢާކުރަން ހުއްޓައި ތުރުކީވިލާތުގެ މީހަކު ކުއްލި ގޮތަކަށް ނިޔާވި އަސަރުގަދަ މަންޒަރު މީސް މީޑިއާގައި ވައިރަލްވެއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ތުރުކީވިލާތުގެ ކޮންޔާއަށް ނިސްބަތްވާ ޢުމުރުން ދުވަސްވީ ރިޓަޔަރޑް އިމާމެއް ކަމަށްވާ ޢަބްދުﷲ އޮޒްކާންއެވެ. އޭނާ ނިޔާވީ ޢުމްރާ ދަތުރަށް ފުރުމަށްޓަކައި ކޮންޔާ އެއާޕޯޓުގައި ހުއްޓައި، ކުއްލިއަކަށް ހިތްހުއްޓިގެންނެވެ.

Ad
rt

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އޮޒްކާން ވަނީ ޢުމްރާގެ އަޅުކަމަށްޓަކައި ވާންޖެހޭ އެންމެހައި ތައްޔާރީތައް ނިންމައި، އިޙްރާމް ފޭރާން އަޅައިގެންނެވެ. އަދި އެއާޕޯޓުގައި ފުރުމުގެ ކުރިން އެހެން ޢުމްރާވެރިންގެ ޖަމާޢަތަކާ އެކު، އިސްވެ ހުރެ ވަދާޢީ ދުޢާ ކިޔައި، ދުޢާއަށް އަތް ނަގައިގެން ހުއްޓައި ކުއްލިއަކަށް ހާލުދެރަވެ އޭނާ ވަނީ ބިންމައްޗަށް ވެއްޓިފައެވެ.

އެ ހާދިސާ ހިނގި ވަގުތު، އެއާޕޯޓުގައި ތިބި ޞިއްޙީ ފަރާތްތަކުން ވަގުތުން އޭނާއަށް ސަލާމަތީ އަވަސް ފަރުވާ ދިނުމުގެ މަސައްކަތް ކުރިއެވެ. ނަމަވެސް، ލިބުނު އަވަސް ޞިއްޙީ ފަރުވާއާ އެކުވެސް އޭނާގެ ފުރާނަ ސަލާމަތްކުރެވޭ ގޮތް ވަނީ ނުވެފައެވެ.

މި ހިތްދަތި އަދި އަސަރުގަދަ ވަގުތުކޮޅު އެ ސަރަޙައްދުގައި ތިބި ޢާންމު ރައްޔިތުން ވަނީ ވީޑިއޯކޮށްފައެވެ. އެ ވީޑިއޯއިން ފެންނަނީ އެހެން މީހުންނާ އެކު ދުޢާކުރުމަށް އަތް ނަގައިގެން ހުއްޓައި އޭނާ ކުއްލިއަކަށް ބިންމައްޗަށް ވެއްޓޭ މަންޒަރެވެ. މި ވީޑިއޯ މީސްމީޑިއާގައި ޢާންމުވުމާ އެކު، ގިނަ ބައެއްގެ މެދުގައި ބޮޑު އަސަރެއް އުފެދި، އޭނާއަށް ހެޔޮ ދުޢާތައް ވަނީ އޮހިގެން ގޮސްފައެވެ.

ޢަބްދުﷲ އޮޒްކާންގެ ކަށުނަމާދާއި ޖަނާޒާގެ ކަންކަން ކުރިއަށްގެންދިޔައީ މިއަދުގެ ހުކުރު ނަމާދަށްފަހު، ކޮންޔާގެ ބޭޝެހީރް ޑިސްޓްރިކްޓްގައި ހުންނަ ބޭޝެހީރް ޗާރްޝީ މިސްކިތުގައެވެ.