ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް، ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން، މުޅިރާއްޖެއަށް ހުދުސަމާލު ނެރެފިއެވެ.

މެޓް އޮފީހުން މުޅި ރާއްޖެއަށް ނެރުނު ސަމާލުގެ ވަގުތު މިވަގުތު ދީފައި ވަނީ މިރޭ 22:00 އާއި ހަމައަށެވެ. މިވަގުތުގައި މުޅި ރާއްޖޭގެ އެކި ސަރަހައްދުގައި ބޯ ކެރި ވެހޭނެކަމަށް ލަފާކޮށްފައިވާއިރު، ގުގުރާނެކަމަށް ވެސް ވަނީ ލަފާކޮށްފައެވެ. އަދި ވައިގަދަވެ، ވިލާގަނޑުގައި 35 މޭލަށް ވައިޖެހޭނެކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

Ad
rt

ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމާއި ގުޅިގެން، 2026 ނޮވެމްބަރ 7 އިން 11އަށް ރާއްޖޭގެ ބޮޑުބަޔަަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، އެންމެ ފަހުގެ މޫސުމީ މަޢުލޫމާތުތަކަށް ސަމާލުވުމަށް ވެސް މެޓުން ވަނީ މިއަދު އިލްތިމާސްކޮށްފައެވެ.

އެ އިދާރާއިން އާންމުކުރި ސަމާލުގެ މެސެޖުގައި ބުނެފައި ވަނީ މިއަދުން ފެށިގެން ކުރިއަށް އޮތް ހަތަރު ދުވަހު ރާއްޖޭގެ ބޮޑުބަޔަަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން، ފެންބޮޑުވެ ހާދިސާތައް ކުރިމަތިވުމަކީ ވެސް އެކަށީގެންވާކަމެއްކަމަށް އެ އިދާރާއިން ހާމަކުރައްވައެވެ.

އެހެންކަމުން، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ތައްޔާރުވުމަށާއި، އެންމެ ފަހުގެ މޫސުމީ މަޢުލޫމާތުތަކަށް ސަމާލުވުމަށް ހުރިހާ ފަރާތްތަކަށް ވެސް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.