އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރާ 'އެމްކިއު-9' މަރުކާގެ ޑްރޯނެއް އީރާނުން އަނެއްކާވެސް ވައްޓާލައިފި ކަމަށް އެ ގައުމުން ހާމަކޮށްފިއެވެ.

މިކަން ކަށަވަރުކޮށްދީ އީރާނުގެ އަސްކަރިއްޔާގެ ޕަބްލިކް ރިލޭޝަންސް ޑިޕާޓްމަންޓުން ވަނީ ބަޔާނެއް ނެރެފައެވެ. އީރާނުގެ އަސްކަރިއްޔާއިން ބުނީ އެމެރިކާގެ 'އެމްކިއު-9 ރީޕާ' މަރުކާގެ މި ޑްރޯން ހުއްޓުވައި، ވައްޓާލާފައިވަނީ އެ ގައުމުގެ ވައިގެ ދިފާއީ ބާރުތަކުން (އެއާ ޑިފެންސް ފޯސް) ކަމަށެވެ.

Ad
rt

މި އުޅަނދު ވައްޓާލާފައިވަނީ އީރާނުގެ ދެކުނުގައި އޮންނަ ހުރުމުޒްގާން ޕްރޮވިންސްގެ ގޭޝްމް އައިލެންޑްގެ ވައިގެ ސަރަހައްދުންނެވެ. ގޭޝްމް ޖަޒީރާއަކީ ހޮރުމުޒް ކަނޑުއޮޅީގެ އުތުރު ފަރާތުގައި އޮންނަ، ސްޓްރެޓީޖިކް ގޮތުން ނުހަނު މުހިންމު ސަރަހައްދެކެވެ.

އީރާނުގެ ދިފާއީ ބާރުތަކުން އެމެރިކާގެ މި ޑްރޯން އަމާޒަކަށް ހަދައި ނައްތާލާފައިވަނީ މި މުހިންމު ސަރަހައްދުގެ މަތިން ދަތުރުކުރަމުން ދަނިކޮށެވެ. އީރާނުގެ ދައުލަތުގެ ނޫސް އިދާރާތައް ކަމަށްވާ ތަސްނީމް އަދި އައިއާރުއައިބީ އާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ޑްރޯން ވައްޓާލުމުގެ އޮޕަރޭޝަން ހިންގާފައިވަނީ އީރާނުގެ ގައުމީ ވައިގެ ދިފާއީ ނިޒާމާ ގުޅިފައިވާ ޒަމާނީ އަދި ކުރިއަރާފައިވާ އެންޓި-އެއާ ސިސްޓަމްތައް ބޭނުންކޮށްގެންނެވެ.

މިއީ ސަރަހައްދީ ހަމަނުޖެހުންތަކުގެ ތެރޭގައި އެމެރިކާގެ އަސްކަރީ ޑްރޯނެއް އީރާނުން ވައްޓާލި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް އެމެރިކާގެ މިފަދަ އެތައް އުޅަނދެއް ވައްޓާލާފައިވާ ކަމަށް އީރާނުގެ ވައިގެ ދިފާއީ ބާރުތަކުން ވަނީ ހާމަކޮށްފައެވެ. އެގޮތުން ޕާޝިއަން ގަލްފާއި، ގަލްފް އޮފް އޮމާން އަދި ހޮރުމުޒް ކަނޑުއޮޅި ހިމެނޭ ސަރަހައްދުތަކުން، އެމެރިކާގެ 'އެމްކިއު-9 ރީޕާ' އަދި 'އެމްކިއު-1 ޕްރެޑޭޓާ' މަރުކާގެ އުޅަނދުތައް ހިމެނޭހެން އެތައް ޑްރޯނެއް އީރާނުން ވަނީ މީގެ ކުރިން ވައްޓާލާފައެވެ.