އިރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް 20 މިލިއަން ޑޮލަރާ ހަމައަށް ފައިސާގެ އިނާމެއް ދިނުމަށާއި އެހެން ގައުމަކަށް ބަދަލުވުމުގެ ފުރުސަތު ދިނުމަށް އެމެރިކާއިން ހުށަހަޅައިފިއެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ހުކުރު ދުވަހު މިކަން ހާމަކޮށްފައިވަނީ، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ތެހެރާނުން އެއްބަސްވުމެއް ހަދަން ބޭނުންވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

Ad
rt

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އެކްސްގައި ހާމަކުރި ގޮތުގައި، ސްޓޭޓް ޑިޕާޓްމަންޓުގެ "ރިވޯޑްސް ފޯ ޖަސްޓިސް" ޕްރޮގްރާމުގެ ދަށުން މި އިނާމު ހުށަހަޅާފައިވަނީ އިރާނުގެ ނިއުކްލިއާ މަރުކަޒުތަކާއި، ވަސީލަތްތަކާއި، އަދި ސައިންސްވެރިން ހިމެނޭހެން އެ މަސައްކަތްތަކާ ގުޅުންހުރި މީހުންގެ މައުލޫމާތު ހޯދުމަށެވެ. އެމެރިކާ ރައްޔިތުންގެ ފުރާނައާއި މަސްލަހަތުތައް ރައްކާތެރިކުރުމަށް ބޭނުންވާ މައުލޫމާތަށް ފައިސާ ދިނުމަށްކަމަށްބުނެ މި ޕްރޮގްރާމް ގާއިމުކޮށްފައިވަނީ 1984 ވަނަ އަހަރު، ސްޓޭޓް ޑިޕާޓްމަންޓުގެ ގައުމީ ސަލާމަތާ ބެހޭ އިނާމު ދިނުމުގެ ޕްރޮގްރާމުގެ ދަށުންނެވެ. ނަމަވެސް، 20 މިލިއަން ޑޮލަރުގެ އިނާމު ލިބޭނީ ކޮން ފެންވަރެއްގެ މައުލޫމާތަކަށް ކަމެއް އެ އިދާރާއިން ސާފުކޮށްދީފައެއް ނުވެއެވެ.

މި އިނާމާ ގުޅޭގޮތުން ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނުގައި ބުނީ، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ) ގެ ރައްކާތެރިކަމުގެ ޝަރުތުތަކަށް އިރާނުން ފުރިހަމައަށް އަމަލުކޮށްފައި ނުވާ ކަމަށެވެ. އަދި އޭގެ ސަބަބުން، ސެންޓްރިފިއުޖް ފަދަ މުހިންމު ބައިތައް އިރާނުން އުފައްދާ މިންވަރާއި އެތަކެތީގެ އިންވެންޓްރީއާ ގުޅޭ މައުލޫމާތު އެ އޭޖެންސީއަށް މެދުކެނޑުމެއްނެތި ދެނެގަތުމަށް އޮތް ފުރުސަތު ގެއްލިފައިވާ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.