މާލެއާއެކު ތިލަފުށި، ގުޅީފަޅު އަދި ވިލިމާލެ ގުޅުވާލުމަށް އަޅާ ތިލަމާލެ ބްރިޖުގެ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް މިއަދު އަރައިފި އެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، ތިލަމާލެ ބްރިޖު އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރާފައިވާ ކަމަށް ވިލިމާލޭގައި ތިއްބަވާ ފުލުހުންނަށް ފާހަގަ ކުރެވިގެން އެތަނަށް ގޮސް އެކަން ބައްލަވާފައިވާ ކަމަށެވެ.
މި ހާދިސާގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާއަށް ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް އެއިން އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބައްލަވަމުން ގެންދަވާއިރު، މި ހާދިސާގައި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރީ ނަގިލި ކަހާލައިގެން ކަމަށް މައުލޫމާތު ލިބިއެވެ.
މި ފަދަ ހާދިސާއެއް ހިނގާފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއް ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެ ސަރަހައްދުން އާންމު އުޅަނދުފަހަރު ދަތުރުކުރުން ވެސް އިއްޔެއިން ފެށިގެން މަނާކޮށްފަ އެވެ.
މި ބްރިޖުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ. މުޅި މި މަޝްރޫޢުއަށް 7.7 ބިލިއަން ރުފިޔާ ހޭދަވާ މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދަޢުލަތުން ޚަރަދުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢު ނިމުމުން ގްރޭޓާ މާލޭ ސަރަހައްދުގައި ހިމެނޭ ތިލަފުއްޓާއި ގުޅީފަޅާއި ވިލިމާލެ، މާލެއާ ގުޅާލެވޭނެ އެވެ. އެހެންކަމުން ތިލަފުށިން ހުޅުމާލެއާ ހަމައަށް އެއްގަމު މަގުން ދަތުރުކުރެވޭނެ އިންތިޒާމު މި މަޝްރޫޢާއެކު ފަހިވެގެން ދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!