ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ދާއިރާ އާއި ޤާނޫނީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި، ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ތަންފީޛުވަމުންދާ މިންވަރު ދެނެގަތުމަށްޓަކައި، ޢަދުލު އިންސާފު އަދި ޤާނޫނީ ދާއިރާއަށް އަމާޒުކޮށްގެން ހިންގާ އިޞްލާހީ މަސައްކަތްތަކުގެ ނަތީޖާ ވަޒަންކުރުމުގެ މަސައްކަތް އެެޓާރނީ ޖެނެރަލް (އޭޖީ) އޮފީހުން ފަށައިފިއެވެ.

އެ އޮފީހުން ބުނީ މި މަސައްކަތުގެ މަޤްޞަދަކީ، ޢަދުލު އިންސާފުގެ ދާއިރާ ހަރުދަނާކުރުމަށްޓަކައި މިހާތަނަށް ހުށަހަޅާފައިވާ ކަންކަން ދިރާސާކޮށް، މި ދާއިރާގައި ހިމެނޭ އެކިއެކި މުއައްސަސާތަކުން އަޅަންޖެހޭ ފިޔަވަޅު ތަންފީޛުކޮށްފައިވާ މިންވަރު ދެނެގަތުމާއެކު، އެ ކަންކަން ތަންފީޛުކުރުމުގައި ދިމާވަމުންދާ ގޮންޖެހުންތައް ދެނެގަތުންކަމަށެވެ. އަދި މި ކަމުގައި ހައްލު ހޯދުމަށްޓަކައި ބޭނުންވާ ފަންނީ އަދި އެނޫންވެސް އެހީތެރިކަން ދެނެގަނެ، ތަންފީޛުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމެވެ.

Ad
rt

މި މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ތިން މަރުޙަލާއަކަށް ބަހާލައިގެންކަމަށް އެ އޮފީހުން ބުންޏެވެ.

އެގޮތުން، ފުރަތަމަ މަރުޙަލާގައި، ޢަދުލު އިންސާފުގެ ދާއިރާއާއި ޤާނޫނީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި، ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް ދިރާސާކޮށް، އެ ހުރިހާ ފިޔަވަޅުތަކެއް އެނގޭނެ ކަރުދާހެއް ތައްޔާރުކުރެވޭނެއެވެ. އަދި ދެވަނަ މަރުޙަލާގައި، މި ކަރުދާހުގައި ހިމެނޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ވަކިވަކި ސްޓޭކްހޯލްޑަރުންނާއެކު ބައްދަލުވުންތައް ބާއްވައި، ފިޔަވަޅުތައް ތަންފީޛުކުރެވިފައިވާ މިންވަރު ދެނެގަތުމާއެކު، މި ތަންފީޛުކުރުމުގެ މަސައްކަތުގައި ހުރި ދަތިތައް ދެނެގަނެ، ގެންނަންޖެހޭ ބަދަލުތައް ދެނެގަނެވޭނެއެވެ. ތިންވަނަ މަރުޙަލާގައި، ތަންފީޛުކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ ޕްލޭނެއް އެކުލަވައިލެވޭނެއެވެ.

މި ޕްލޭނަށް ބިނާކޮށް، ބައިނަލްއަޤްވާމީ ފަރާތްތަކުގެ ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި ކަންކަން ދެނެގަނެ، ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ދާއިރާ އަދި ޤާނޫނީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ އެކި އެކި ބައިނަލްއަޤްވާމީ ފަރާތްތަކާއެކު ބައްދަލުވުންތައް ބޭއްވޭނެކަމަށްވެސް ބުނެފައިވެއެވެ.

މި މަސައްކަތް މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ނިމޭނެކަމަށް އެ އޮފީހުން ލަފާކުރެވެއެވެ. މި މަސައްކަތް ކުރިއަށް ގެންދެވޭނީ ޖުޑީޝަލް ސަރވިސް ކޮމިޝަނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ޖުޑީޝަލް އެކެޑެމީއާއި، ހުރިހާ ކޯޓުތަކާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، ދިވެހިރާއްޖޭގެ ބާ ކައުންސިލާއި، ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ އަދި ޤާނޫނީ ދާއިރާގައި ހިމެނޭ ޖަމްޢިއްޔާތައް ޝާމިލުވާ ގޮތުގެ މަތިންކަމަށް ވެސް އެ އޮފީހުން ހާމަކުރެއެވެ.