ފަސްމާމުލުންގެ ފަސްވަގު އައިސް ކަޅުކުރުބެމެން ގޭދޮރުމައްޗަށް އަރާފައި ސަލާން ގޮވާލިއެވެ. ގޭތެރެއިން ދޮންމަރިޔަނބު ނިކުމެ ސަލާމުގެ ޖަވާބު ދިނުމުން އެސޮރުމެން ބުންޏެވެ. އަހަރެމެންގެ ރަޙުމަތްތެރި ކަޅުކުރުބެ ކޮބައިހެއްޔެވެ؟ ދޮންމަރިޔަނބު ބުންޏެވެ.
އަސްތާ! ކަލޯމެންނަކަށް ނޭނގޭހެއްޔެވެ؟ ލާރިލިބޭ މާވަރުގަދަ މަސައްކަތެއް ފަށައިގެން ކަޅުކުރުބޭ އުޅޭ ދުވަސްކޮޅެކެވެ. އެސޮރުމެން ބުންޏެވެ. އެއީ ކޮން ކަމެއް ހެއްޔެވެ؟ ދޮން މަރިޔަނބު ބުންޏެވެ. ކަޅުކުރުބެ މިހާރު ފޭރާން ކުރަނިއްޏެވެ. މިދިމާ ދަނޑުމަތީގައި ފޭރާންގަހެއް އިންދައިގެން ރެއާއިބދުވާލު އުޅެނީ އެކަމުގައެވެ.
އެހެން ބުނުމާއެކު ފަސްމާމުލުންގެ ފަސްވަގު ދަނޑުމައްޗަށް މިސްރާބު ޖެހިއެވެ. މާދުރުން އެ ބުނާ ފޭރާން ގަހެއް ފެނިއްޖެއެވެ. ބޮޑުސިންގާ ބިޔަ ގަހެކެވެ. ގަހުގައި އޮތީ ގަމީހާއި މުންޑާއި ފަޓުލޫނާއި ހަރުވާޅާއި ސޯޓުބުރިއާއި ގަންޖުފަރާހާއި ކޮނޑުކެނޑިއަށް ދަންދެން އަޅާ ފައެވެ. ބޮލުގައި އަޅާ ރުމާލާއި ފޮށަޔާއި ތާކިހާ ވެސް ކޮންމެވެސް ވަރަކަށް ހުއްޓެވެ. އެ މަންޒަރު ފެނުމުން ފަސްމާމުލުންގެ ފަސްވަގު ތަލިން ކުޅުހިކުނެވެ. ހައިރާންވެ އަންތަރީސްވިއެވެ.
ފޭރާން ގަސްދޮށަށް ދެވެންއޮތް މަގަކުން ވަދެގެން ދިޔައިރު މުޅި ގަސްދޮށަށް އޮތީ ދޮވެލިފައި ޒީނަތްތެރި ކޮށްފައެވެ. ބޮޑު ދުންކިބާލަކަށް ކުމުންޒާންޏާއި ކަތުރާން އަޅައިގެން ކަޅުކުރުބެ ފޭރާންގަސް ވަށައިގެން އެ ގަހަށް ހޭހަން ކުރަން ހުއްޓެވެ. ހުދު ހެދުމެއްގައި ކަޅުކުރުބެ ހުރިއިރު ކޮންމެވެސް އެއްޗެއް ކިޔަވާހެން ވެސް ހީވެއެވެ. ގަސް ވަށައިގެން އެނބުރިއެނބުރިފައި ދުންކިބާ ބެހެއްޓީމާ އެސޮރުމެން ގަސްދޮށަށް ވަންނަން އުޅުމުން ގަސްދޮށަށް ނުވަނުމަށް ކަޅުކުރުބެ އަތުން އިޝާރާތެއް ކޮށްލިއެވެ. އަދި މަޑުމަޑުން އެ ސޮރުމެން ކައިރިއަށް ކަޅުކުރުބެ ދިޔައެވެ.
އެސޮރުމެން ކަޅުކުރުބެއާ ސަލާންކޮށްފައި ބުންޏެވެ. ދެ ދުނިޔޭގެ ރަޙުމަތްތެރިޔާއެވެ. ކިޔާނެ އަގެއް ކިޔާފައި މި ފޭރާންގަސް ވިއްކާށެވެ. ކަޅުކުރުބެ ބުންޏެވެ. މިހާރު މިއޮތީ މަތިވަރު ނަގާފައެވެ. މިހާ ބައިވަރު ފޭރާން އަޅާފައި އޮއްވާ ގަސް ވިއްކޭނީ ކިހިނެއް ހެއްޔެވެ. މިހާރު ވެސް އެތައް ޤައުމަކަށް ފޭރާން ފޮނުވައިދޭން އޮތީ ބުނެފައެވެ. އެސޮރުމެން ބުންޏެވެ. ތިޔަހެން ނުހަދާށެވެ. އަހަރެން މިގޮތަށް އެއްތަނަކުން އަނެއް ތަނަކުން ވައްކަން ކޮށްގެން އުޅޭތާ ކޮން ދުވަހެއްހެއްޔެވެ. މިހެންވެސް އަބަދަކު ނޫޅެވޭނެއެވެ. ގައިބާރު ދެރަވާ ދުވަހަކު ވެސް ކައިގެންބޮއިގެން އުޅެވޭނީ ލާރިބޭ ރަނގަޅު ކަމެއް ކޮށްގެންތާއެވެ. ކަޅުކުރުބެ ކަމެއް ކޮށްދެންޏާ އަހަރެމެންނަށް މިކަން ކޮށްދޭށެވެ.
ވަރަށް ވިސްނަން ހުރެފައި ކަޅުކުރުބެ ބުންޏެވެ. ކަލޯމެން ތިޔަވަރަށް އާދޭސް ކުރަންޏާ އަހަރެން ކިޔާ އަގެއްގެ އިތުރުން ޝަރުތު ތަކަކާއެކު މި ގަސް ވިއްކަފާނަމެވެ. އެސޮރުމެން އަވަސްއަވަހަށް ބުންޏެވެ. ކަޅުކުރުބޭއެވެ. އަވަހަށް ބުނާށެވެ.
ކަޅުކުރުބެ ބުންޏެވެ. ނުވެސް ވިއްކޭނެއެވެ. އެކަމަކު މަހަކު އެއްހާސް ދިރުހަމަށް ކުއްޔަށް ދެވިދާނެއެވެ. އެއީ މިހާރު ފޭރާން ގަހުގައި ފައްކާވެފައިވާ ފޭރާމުގެ އަގެވެ. ރަނގަޅަށް ގަސް ބަލަހައްޓައިފިނަމަ މަހަކު ހަމަ މިވަރަށް ހަތަރު ބުރަށް ފޭރާން ލިބޭނެއެވެ. ކޮއްކޮމެން ވީމާ ކަޅުކުރުބެ މިފަހަރަކު ހަމަ އެއްވެސް ފައިދާއެއް ލާކަށް ނެތީމެވެ. އެހެންބުނުމުން އެއްވަގު އަނެއްވަގުގެ މޫނަށް ބަލާލައިފައި ގޭދޮށަށް ދުއްވައިގަތެވެ. ދިޔަކަމެއް ނޭނގެއެވެ. އެސޮރުމެން އަތުގައިހުރިއްޔާހުރި ލާރިއެއް ހިފައިގެން އެނބުރި އަތުވެއްޖެއެވެ. އައިސް ގުނިއިރު އެއްހާސް ދިރުހަމެއް ހަމައެއް ނުވިއެވެ. ކަޅުކުރުބެ ބުންޏެވެ. އަޅާނުލާށެވެ. ކޮއްކޮމެން ކޮންމެ މީހެއްގެ ގެއާއި ގޯއްޗާއި އެތަނުގައިހުރި އެއްޗެއް އަގުމަގުކުރީމާ އެ ޖެހޭވަރަކުން ބާކީބައި ހަމަވީކަމަށް ބަލާނީއެވެ. ކޮއްކޮމެން އެއްބަސްވަންޏާ އެވަރުން ދެން ފުއްދާލާނީއެވެ.
އެސޮރުމެން ބުންޏެވެ. ރުހި ގަބޫލެވެ. އެހެން ބުނީމާ ކަޅުކުރުބެ ބުންޏެވެ. ކުއްޔަށް ދެވޭނީ ޝަރުތުތަކެއް މަތިންނެވެ. މި ގަސްދޮށަށް އެއްވެސް މީހަކު ގަލޯހާޖަތަށް ގޮސްގެން ނުވާނެއެވެ. އަދި އަބަދުވެސް ކޮންމެވެސް އެކަކު ގަސްދޮށުގައި ފާރަޔަށް ހޭލާ ހުންނަން ވާނެއެވެ. ކޮންމެ ރެއާއި ދުވާލެއްގެ މައްޗަށް އަށް ފަހަރު ގަސްދޮށުގައި ދުންއަޅަން ވާނެއެވެ. މި ޝަރުތުތަކާ ޚިލާފުވެވިއްޖެނަމަ ފޭރާންގަސް ޖެހޭނީ އަނބުރާ ކަޅުކުރުބެއަށް ދޭށެވެ. އެކަމަކު އެހެން ވިޔަސް ފޭރާން ގަހުގެ ކުއްޔަށް ދިން ލާރިކޮޅު އަނބުރައެއް ނުލިބޭނެއެވެ. އެހެންކިޔައި ދެ ފަރާތުން އެއްބަސްވުމުގެ ފަތެއް ލިޔުނެވެ. އެ ފަތް ހިފައިގެން ކަޅުކުރުބެ ގެއަށް ދިއުމުން ފަސްމާމުލުންގެ ފަސްވަގު ފޯރިމަރާނެ މީހުންނާއި ގަޑިތައް ހަމަޖެއްސިއެވެ. އިރު އޮއްސެމުން ދިޔަ ވަރަކަށް އެކި މީހުން އެކިތަނަށް ދެމެން ފަށައިފިއެވެ. ދުވާލު ހަތަރުދަމު އެކިތަންތަނުގައި ތެޅިތެޅިފައި ތަނެއްގައި ޖައްސާލުމުން ވާނެގޮތް ވީއެވެ. ދަންވިދަންވިހެން އިވެންފެށީ ގުގުރީގެ އަޑެވެ.
ދަންބައެއް އަޅާފައި ކަޅުކުރުބެ ހޭލައިގެން ފޭރާން ގަސްދޮށަށް ދިޔައިރު ހުރިހާ ވަގުން ތިބީ ނިދާ މަރުވެފައެވެ. ފޭރާން ގަސްދޮށަށް ވަދެ ދެ މޫގަނޑެއްގެ ދޭތެރެ ހާވާލައިފައި އެތަކަށް ގަލޯހާޖަތަށް ގޮސް ކިހުޅިގަނޑެއް ނަގައި އެންމެ ކުޑަ ވަގުގެ ފޫކޮޅުގައި ގުއި އުނގުޅުމަށްފަހު ސިއްރުސިއްރުން ނިކުމެގެން ގޮސް އަތިރިއަށް ފައިބައި ދޮވެލައިގެން ގޭދޮށަށް ދިޔައެވެ.
ފަތިސް ނަމާދުން ފައިބައިގެން ކަޅުކުރުބެ ފޭރާންގަސްދޮށަށް ދިޔައިރު ވެސް ފަސްމާމުލުންގެ ފަސްވަގު ތިބީ ނިދާ މަރުވެފައެވެ. ދިޔަ ގޮތަށްގޮސް އަޑުގެކޮޅަށް ކަޅުކުރުބެ ހަޅޭއްލަވައި ގަތުމުން އެސޮރުމެން ހަތަރެސްފައި ދިޔައީ ކޮޅަށް ޖެހިގެންނެވެ. ކަޅުކުރުބެ ބުންޏެވެ. އެވަރަށް ބުނީމާ ވެސް ކަލޯމެން ތިޔަތިބީ ނިދާފައެވެ. އަނެއްކާ މުޅިތަނުން މި ދުވަނީ ކޮން މިނިގުއި ވަހެއް ހެއްޔެވެ. އެސޮރުމެން ބުންޏެވެ. ނޭނގެއެވެ. އަހަރެމެން ގުޔެއް ނުރެމެވެ.
ކަޅުކުރުބެ ބުންޏެވެ. ކަލޯމެން ތިޔަ ދައްކާ ވާހަކަ ގަބޫލުކުރާނީ ކިހިނެއް ހެއްޔެވެ. އެހެން ބުނެފައި އެއްކަލަ ދެ މޫގަނޑު ދޭތެރެ ދަނޑިބުރިއަކުން ހާވައިގެންފައި ދެއްކިއެވެ. ވަގުންތައް ވަސްބަލާފައި ބުންޏެވެ. މީ ހަމަ މިނިގުޔެވެ. އެކަކު އަނެކަކަށް ބުންޏެވެ. ގުއިރުނީ ކަލެއެވެ. އެންމެފަހުން ބޮޑު ޒުވާބަކަށް ވީމާ ކަޅުކުރުބެ ބުންޏެވެ. ތިޔައީ ޒުވާބުކޮށް އަރާރުންވާންވީ ކަމެއް ނޫނެވެ. ކޮންމެ ސޮރަކު ފޫކޮޅު ދެއްކީމާ އެކަން އެ ނިމުނީ ނޫން ހެއްޔެވެ. އެހެން ބުނުމުން މުލުވަގުން ފެށިގެން ފަހަރަކު ވަގެއްގެ ފޫކޮޅު ބަލަމުން ދަނިކޮށް ގުއި ރީފައި ހުރީ ކުޑަ ވަގުކަން ފަޅާއަރައިފިއެވެ. ހުރިހާ ވަގުން އެސޮރުގެ ލޮލަށްބޮލަށް އަރައި ތަޅައިގެންފިއެވެ. ކޮންމެއަކަސް ޝަރުތުތަކާ ޚިލާފުވެގެން ކަޅުކުރުބެއަށް އަބުރާ ފޭރާންގަސް ލިބިއްޖެއެވެ.
ފަސްމާމުލުންގެ ފަސްވަގު ވީދެރައިން ދިޔައީ ގޭދޮށެވެ. އެސޮރުގޮސް އޮބާލީމާ ގަހުގައި ޫހުރި އަންނައުނު ކޮޅު ހިފައިގެން ދިޔައީ ގޭދޮށަށެވެ. ތިޔަތަނުން ދޮންމަރިޔަނބު ބުންޏެވެ. ކަޅުކުރާއެވެ. ތިޔަ ސޮރުމެންގެ ފަރާތަކުން ތިޔަވަރަކުން ސަލާމަތެއް ނުވާނެއެވެ. ވާނީ މަބުނާގޮތެއް ހަދަށެވެ. ނިކަން ބޮޑު ފަސް ގޮނު ވިޔެގެން ގެންނާށެވެ. އަހަރެން އެއަށް އަޅާނެ ހަދިޔާ ތައްޔާރުކުރާނަމެވެ.
ފަސްމާމުލުންގެ ފަސްވަގު ގޭދޮށަށް ދިޔައިރު ވަންނާނެ ގެއެއް ނެތެވެ. ހުރިނަމަ ހުރި އެއްޗެއް ގެންގޮސް ބިން ވެސް އޮތީ ސާފުކޮށްފައެވެ. މި ހުރިހާ ކަމެއް މިވީ ކުޑަވަގުގެ ސަބަބުންނޭ ކިޔާ ދެންތިބި ހުރިހާ ވަގުން އަނެއްކާ ވެސް އެ ވަގުގެ ގައިގައި ތަޅައިގެންފިއެވެ. އެ ވަގުތު އެސޮރު ބުންޏެވެ. މަށަށް ތިޔަހެން ނުހަދާށެވެ. މަށަކު ގުޔެއް ނުރެމެވެ. މިއީ ކަޅުކުރުބެ އަހަރެމެންނަށް ދިން ލަނޑަކަށް ނޫނީ ނުވާނެއެވެ. އެހެން ބުނީމާ ހުރިހާ ވަގުން ސައްލާކޮށް ފޭރާން ގަސްދޮށަށް ކަޅުކުރުބެ ހޯދަން ދިޔައިރު އެތަނަކު ކަޅުކުރުބެއެއް ނެތެވެ. އޭރު ފޭންގަހުގައި އެންމެ ފޭރާމެއް ވެސް ނެތެވެ. ރަނގަޅަށް ބެލިއިރު އެއީ ކުރިންވެސް އެތަނުގައި ހުންނަ ބޮޑު މިދިލި ގަހެކެވެ. ގޮފިތައް ޖަހާލައިފައި އެސޮރުމެންނަށް އޮޅުވާލާފައި ވަނީއެވެ. ފަސްމާމުލުންގެ ފަސްވަގު ސައްލާކޮށްފައި ބުންޏެވެ. ކަޅުކުރުބެ ހޯދަން ހިނގާށެވެ. ދޫލަނޑެއް ދީގެން ނުވާނެއެވެ. (ނުނިމޭ)
ނޯޓު: ކަޅުކުރުބެއާއި ފަސްމާމުލުންގެ ފަސްވަގުގެ ވާހަކައަކީ ދިވެހީންގެ ތެރޭގައި ތުންތުންމަތީން ކުޑަކުދީންނަށް ކިޔައިދެމުން އަންނަ ވާހަކައެކެވެ. މިވާހަކަ އެކި މީހުން އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ކިޔާއުޅުމުގައި ކުދިކުދި ތަފާތުތައް ހުރެއެވެ. އަޅުގަނޑު މި ވާހަކަ ލިޔެފައި މިވަނީ އަޅުގަނޑުގެ މާމަ ފާތުމަތު މޫސާ ކިޔައިދީފައިވާ ގޮތަށް އެހެން ނަމަވެސް އަޅުގަނޑުގެ އަމިއްލަ އިބާރާތުންނެވެ.
ފޮޓޯ ކުރެޑިޓް: ހައްގުވެރި ފަރާތަށް.
Ad
rt

(ނިމުނީ)