ކުޑަ ކުއްޖަކު އޭނާގެ މަންމަ އާއި އެކު ސުކޫލަށްދެއެވެ. މަންމަގެ އެއްލޯ ނުހުރެއެވެ. މިކަމާހެދީ މަންމަ އާއިއެކީ ސުކޫލަށްދާން ދަރިފުޅު ވަރަށް ލަދުގަނެއެވެ.
އެއީ އެހެންކުދިންގެ މަންމަގެ ދެލޯ ހަމައަށް ހުންނައިރު އޭނަގެ މަންމަގެ ދެލޯ ހަމައަށް ނުހުންނާތީއެވެ. އެކަމާ އޭނަ މަންމަ އަށް ވަރަށް ނަފްރަތު ކުރެއެވެ. އޭނަ ނަފްރަތުކުރާކަން އޭނަގެ މަންމަ އަށް އެގެއެވެ. އެހެންނަމަވެސް މަންމަގެ ވާޖިބު މަންމަ އަދާކުރަމުން ގެންދިއައެވެ.
އެ ދަރިފުޅު މަތީ ތަޢުލީމް ހާސިލް ކުރުމަށްޓަކައި ބޭރު ޤަޢުމަކަށް ފުރައިގެން ދިޔައެވެ. ދުވަސްތަށް ވޭތުވަމުންގޮސް ދަރިފުޅު މީހަކާ އިދެ އެހެން ޤައުމެއްގައި ދިރިއުޅުންފެށިއެވެ. މަންމަ އެކަނިވެރިހާލުގައި މަންމަގެ ޤައުމުގައި އެކަނިވެރިކަމާއެކު ދިރިއުޅެމުން ދެއެވެ. ދަރިފުޅު މަންމައަށް ނަފްރަތުކުރިޔަސް މަންމަ ގެ ހިތުގައި އެ ދަރިފުޅަށް އޮތް އޯގާތެރިކަމަކަށް ބަދަލެއް ނާދެއެވެ. އަދި ދުރުގައި ގިނަދުވަސް ވީ ވަރަކަށް އެ ދަރިފުޅާ ބައްދަލުކުރުމުގެ ޝައުގު މަންމަގެ ހިތުގައި އުތުރި އަރަމުން ދެއެވެ.
މަންމަ އެދަރިފުޅުހުރި ގައުމަށް ދަރިފުޅު ކައިރިޔަށް ދިއުމަށް ނިންމިއެެވެ. މަންމަ ދަތުރު ކޮށްފައި ދަރިފުޅުގެ ގާތަށް ދިޔައެވެ. ދިޔައިރު އެ ދަރިފުޅު މީހަކާ އިދެގެން މަންމައަށް މާމަކިޔާ ދަރިން ވަނީ ލިބިފައެވެ. މަންމަ އަށް އިތުރު އުފަލެއް އިތުރު ލޯތްބެއް އިހުސާސް ވިއެވެ. ދަރި ފުޅު ދެކެ ވާ ލޯތްބާއި މާމަ ދަރިން ދެކެ ވާލޯތްބެވެ.
މަންމަ އެ ދަރިފުޅުގެ ގޭގެ ދޮރުގައި ޓަކި ދިނުމުން ދޮރު ހުޅުވާލާ ބަލާލިއިރު މާމަ ދަރިންނަށް އެއީ ކާކު ކަމެއް ނޭގުނެވެ. އެހެން ނަމަވެސް އެ ފިރިހެން ކުއްޖާއަށް އެއީ އޭނަގެ މަންމަ ކަން އެގުނެވެ. މިވުގުތުގައިވެސް އިހުސާންތެރިކަމެއް ނުފެނުނެވެ. އޭގެ ބަދަލުގައި މަންމަ ދެކެ ވާ ފޫހި އޭނަ ހިތުގައި އުތުރި އަރަންފެށިއެވެ.
އޭނަ އޭނަގެ ދަރިންގާތު ބުނީ އެއީ ސަލާންޖަހާ މީހެއްކަމަށް، އަދި އޭނައަށްކޮންމެސް އެއްޗެއްދޭށެވެ. އޭރުން އޭނަ ހިގައިދާނެއެވެ. އޭނަ އަށް އެއީ އޭނާގެ މަންމަ ކަން އިނގެއެވެ. އޭނާގެ ދަރިންނަށް އެއީ އެކުދިންގެ މާމަ ކަމެއްނޭގެއެވެ. އަދި އޭނާގެ އަބިމީހާއަށްވެސް އެއީ ފިރިމީހާގެ މަންމަ ކަމެއް ނޭގެއެވެ. މާޔޫސްވެ ލޮލުން ކަރުނަ އަޅަމުން އެ މަންމަ އެބުރި މަންމަގެ ވަޠަނަށް އައެވެ.
ޤައުމަށް އެބުރި އައިތާ ދުވަސް ކޮޅެއްފަހުން މަންމަ ދުނިޔެ ދޫކޮށްފިއެވެ. އެހެންނަމަވެސް މަންމަ ދުނިޔެ ދޫކުރުމުގެ ކުރީގައި ދަރިފުޅަށް ދޭންޖެހޭ މެސެޖެއް ސިޓީއެއްގެ ސިފައިގައި ލިޔެފަ އޮތެވެ.
ދުވަސް ތަކަކައްފަހު މަންމަ އާއި ބައްދަލު ކުރަން އެ ދަރިފުޅު ބޭނުންވިއެވެ. އޭނަ މަންމަ އާއި ބައްދަލުކުރަން އެ ޤައުމަށް ދިޔައެވެ. މަންމަގެ ގެޔަށް ދިޔައިރު ގެ ފަޅުކޮށް ހުރުމުން މަންމަގެ ހަބަރެއްވޭތޯ އަވަށްޓެރިންކައިރިޔަށް އޭނަ ދިޔައެވެ. އަވަށްޓެރިންގެ ފަރާތުން އޭނައަށް މި އެގުނީ އޭނަގެ މަންމަ ދުނިޔެ ދޫކޮށްފިކަމެވެ. އެހެންނަމަވެސް މަންމަ ދީފައި އޮތް ސިޓީ އެއް އަވަށްޓެރިޔާ އޭނަ އާއި ހަވާލު ކުރިއެވެ.
އޭ ސިޓީ ކިޔަން ފެށިއެވެ. ލޯބިވާ ދަރިފުޅާއެވެ. މަންމަ ދެކެ ދަރިފުޅު ނަފްރަތު ކުރާކަން އެނގެެވެ. އަދި ފޫހިވާކަންވެސް އެގެއެވެ. ފޫހިވަނީ މަންމަގެ އެއްލޯ ނެތީމާކަންވެސް މަންމަ އަށް އެނގެއެވެ.
“އެހެނެނަމަވެސް އަޑުއަހާށެ! ދަރިފުޅަކީ މިދުނިޔެއަށް އައި އިރުގައި ދެލޯ ހަމައަށް ހުރި މީހެއް ނޫނެވެ. ދަރިފުޅުގެ އެއްލޯމަދެވެ. މަންމަ އެ ލޮލަށް ފަރުވާ ކުރުމަށްޓަކައި ކުރި މަސައްކަތުން އެގުނީ މަންމަގެ އެއްލޯ ނަގައިފިއްޔާ ދަރިފުޅުގެ ދެ ލޮލަށް ފެނުން ލިބޭނެކަމެވެ. މަންމަގެ އެއްލޯ ނެތީ މަންމަ ގެ އެލޯ ދަރިފުޅަށް ދިނީމައެވެ. ދަރިފުޅުގެ ދެލޯ ތިހުރީ މަންމަގެ އެއްލޯ ނަގާފައި ދިނީމައެވެ.”
މިއަދު އެ ދަރިފުޅު މަންމަ ވީ ޤުރުބާނީ އާއި އިހުސާންތެރި ކަމުގެ ބަދަލުގައި އެ މަންމަގެ ގައިގައި ފިރުމާ އޯގާތެރިވާން ބޭނުންވިއެވެ.
އެހެންނަމަވެސް ވަޤުތު ފާއިތު ވެއްޖެއެވެ. މަންމަ އޮތީ ކަށްވަޅުގައެވެ. އެދުވަހު އޭނަ ބޭނުންވި މަންމަ ނަގައިގެން މަންމަ ގައިގައި ފިރުމާށެވެ. އެހެންނަމަވެސް ވަގުތު މާ ފަސްވެއްޖެއެވެ.
މަސްދަރު: ޝައިޚް އަހުމަދު ސަމީރު ގެ ދަރުސްއަކުން
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!