ސަޢުދީ އަރަބިއްޔާގެ އަވަށެއްގައި އުޅުނު ވަރަށް މުއްސަދި މީހެކެވެ. އޭނާއަކީ ވަރަށްގޯސް ނަމާދު ނުކުރާ މީހެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މީހެކެވެ.

އެރަށުގައި އުޅޭ ހެޔޮލަފާ މީހުނާއި ޢިލްމުވެރިން އޭނާ އިސްލާހުވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. ސަބަބަކީ އެފަދަ މުއްސަދި މީހަކު އިސްލާހުވެއްޖެނަމަ އާއްމުރައްޔިތުންނަށާއި މުޖުތަމައަށް ނުހަނު ގިނަ ފައިދާތަށް ކުރާނެތީއެވެ. އޭނާ އިސްލާހުވޭތޯ ވަރަށް މަސައްކަތް ކުރިއެވެ.

Ad
rt

މީސްތަކުން އޭނާއަށް ނަސޭޙަތްތެރިވަމުން މިދަނީ އޭނާ ހައްޖައްދޭތޯއެވެ. ހައްޖަކީ މީހާގެ ދިރިއުޅުމަށް ވަރަށް ބޮޑު އިންގިލާބެއްގެންނަ އަޅުކަމަކަށްވާތީއެވެ. އޭނާ ހައްޖައް ދިއުމަށް މީސްތަކުން ނަސޭޙަތް ދެމުން ދިޔަޔަސް ހައްޖައް ދިއުމުގެ އެއްވެސް ހިޔާލެއް އޭނާ ނުގެންގުޅެއެވެ.

މިގޮތަށް ދުވަސްތަކެއް ހޭދަވެގެން ދިޔަފަހުން އޭނާ ހައްޖައްދާން ހިޔާލުކޮށްފިއެވެ. އޭނާ އޭނާގެ ބައެއް ރައްޓެހިން ކައިރީ އޭނާ ހައްޖައް ދާން ގަސްދު ކުރާވަަހަކަ ސިއްރު ސިއްރުން އެމީހުން ގާތު ބުންޏެވެ. އެމީހުން އެކަމާ ވަރަށް އުފާކުރިއެވެ. އަދި އެމީހުންގެ ފަރާތުން އެހެންމީހުނަށްވެސް އެހަބަރު ފޯރިއެވެ.

މީސްތަކުންނަށް ހަބަރު ލިބުނީ އޭނާ ހައްޖައް ގޮސް ހުއްޓާ އަރަފާތް ދުވަހުގައި އޭނާ ނިޔާވި ޚަބަރެވެ. އަރަފާތް ބިމުގައި އިޙުރާމް ގައި ހުއްޓައި އޭނާ ނިޔާވި ޚަބަރެވެ.

އަރަފާތް ދުވަހަކީ ﷲ ސުބުހާނަހޫ ވަތަޢާލާ އެއްމެ މާތްކުރެއްވި ދުވަހެވެ. އެދުވަހަކީ އެކަލާންގެ އަޅުތަކުންގެ ތެރެއިން އެތައްބަޔަކު ނަރަކައިން މިންޖު ކުރަށްވާ ދުވަހެވެ. އެ މާތް ދުވަހު އެ މާތް ބިމުގައި އެ މާތްވަޤުތު އޭނާ ނިޔާވި ޚަބަރު މީސްތަކުންނަށް ލިބެއްޖެއެވެ.

މީސްތަކުން ހިތައްއަރަމުން ދިޔައީ އޭނާ އެހައިނުބައިކޮށް އުޅެއުޅެފަ، އޭނާއަށްﷲ އެހާ ރަނގަޅު ނިމުމެއް ދެއްވީ ކޮން ސަބަބަކާހުރެބާވައެވެ.

މީސްތަކުން ސިއްރު ސިއްރުން އޭނާ ކޮށްފަހުރިކަންތައްތައްބަލަން ފެށިއެވެ. ބެލިއިރު އެ އަވަށުތެރޭގަައި ތިބި ހުރިހާ ހުވަފެން އަންހެނުން ދިރިއުޅެމުން ދިޔައީ އޭނާގެ އެހީގައެވެ. އެ އަވަށުގައި ފަގީރެއްނެތް އޭނާ ޞަދަގާތް ނުކުރާ، އަދި ކޮންމެމީހަކަށް އެހީތެރިކަން ފޯރުކޮށްދީފައި އޭނާބުނާކަމަށް ވޭ، އެއްވެސް މީހަކަށް ތިމައްނާ އެހީތެރިކަން ދިންވާހަކަ ނާންގާށެވެ.

އޭނާ ސިއްރު ސިއްރުން އެކުރި ހެޔޮކަންތައް ﷲ ސުބުހާނަހޫ ވަޠައާލާ އެކަން އެލެއްވީ އޭނާ ރަނގަޅު ނިމުމަކުން ނިމިގެން ދިއުމުގެ ސަބަބެއްކަމުގައެވެ.

މީހާގެ ކިބައިގެ އެފަދަ ރަނގަޅު ސިފައެއް އެބަހުރޭ ބައެއްފަހަރު ﷲ ލޯބިވެވޮޑިގަންނަވާ އެކަމުގެ ސަބަބުން އޭނާ ރަނގަޅު ނިމުމަކުން ނިމިގެންދިއުމުގެ ސަބަބަކަށް ވެސް ވެގެން އެބަދެއެވެ.

( ޝައިޚް މުހައްމަދު އިބުރާހިމް (ނައިފަރު) ދަރުސް)

(ނިމުނީ)