ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖެއާއި ސްރީ ލަންކާ ބައްދަލުކުރާ މެޗު ބެއްލެވުމަށް ލަންކާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ނާމަލް ރާޖަޕަކްސަ ރާއްޖެ ވަޑައިގެންފިއެވެ.
ނަމާލްއަކީ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ ދަރިކަލެކެވެ. ނަމާލް ރާއްޖެ ވަޑައިގަތީ މިއަދުގެ ހެނދުނުގެ ވަގުތެއްގަ އެވެ.
މިއަދު ލަންކާ ކުޅޭ މެޗް ބެއްލެވުމަށްފަހު ނަމާލް މިރޭގެ ވަގުތެއްގައި ރާއްޖެއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބިއެވެ.
ނަމަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާ ރާއްޖެ ވަޑައިގަތީ ކެންޔާ އަށް ކުރެއްވި ދަތުރަށް ފަހު އެނބުރި ގައުމަށް ވަޑައިގެންނެވުމުގެ މަގުމަތީގައި ކަމަށެވެ. ރާއްޖޭގައި މަޑުކޮޮށްލައްވާ ވަގުތުކޮޅުގެ ތެރޭގައި ބައްދަލުވުންތަކެއް އޮތް ނަމަވެސް ފުޓުބޯޅަ އަށް ވަގުތުކޮޅެއް ދެއްވޭނެ ކަަމަށް އުއްމީދު ކުރައްވާ ކަމަށްް ޓްވީޓްގައި އޭނާ ވިދާޅުވި އެވެ.
ނަމާލްއަކީ ރާއްޖޭގެ ސިޔާސީ ބޭފުޅުންނާ ވަރަށް ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެކެވެ.
މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި މިހާތަނަށް ސްރީ ލަންކާއަށް މެޗެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެޓީމު ކުޅުނު ފުރަތަމަ ދެ މެޗުން ބަލިވެ އެންމެ ފަހުން އިންޑިޔާއާ ބައްދަލުކުރި މެޗު ވަނީ އެއްވަރުކޮށްފަ އެވެ. އެ ނަތީޖާތަކާއެކު ލަންކާ ޓީމަށް މުބާރާތުގެ ފައިނަލްގެ އުންމީދު ވަނީ އެއްކޮށް ގެއްލިފައެވެ.
އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ސްރީ ލަންކާއާ ދެކޮޅަށް މިއަދު ހަވީރު ރާއްޖެ ކުޅޭ މެޗުގެ ތާރީހު ބުރަވަނީ ރާއްޖެ ކޮޅަށެވެ. ރާއްޖެ އަތުން ސްރީ ލަންކާ އަށް އެންމެ ފަހުން މޮޅެއް ހޯދުނީ މީގެ 19 އަހަރު ކުރިންނެވެ. އެއީ 2002 ވަނަ އަހަރު ލަންކާގެ ސުގަތަދާސަ ސްޓޭޑިއަމްގައި ކުޅުނު ރަހުމަތްތެރިކަމުގެ މެޗަކުންނެވެ.
ލަންކާ ޓީމަށް ސާފް ޗެމްޕިއަންޝިޕްގެ ތަށި ކާމިޔާބު ކުރެވުނީ އެންމެ ފަހަރަކުއެވެ. އެއީ 1995 ވަނަ އަހަރުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!