ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، ސްރީލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސަގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއީ ރައީސް ޞާލިޙްގެ ދެ ކަނބަލުން ސްރީލައްކާއަށް މިހާރު ކުރައްވަމުންގެންދަވާ ނުރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ.

Ad
rt

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ މިއަދު ހެނދުނު ކޮލަންބޯގައި ހުންނަ ޕްރެޒިޑެންޓަލް ސެކްރެޓޭރިއެޓްގައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ރައީސުން ވަނީ ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތާއި، އެ މަސައްކަތުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

އެގޮތުން، ފެސިލިޓީތަކަށް ބުރަނުވާނެގޮތަށް އެޅި ފިޔަވަޅުތައް ފާހަގަކުރައްވައި މި ބަލިމަޑުކަމުން އަރައިގަތުމުގައި އެންމެ އިސްކަމެއް ދެއްވަނީ ވެކްސިން ފުރިހަމަކުރުމަށް ކަމުގައި ދެ ޤައުމުގެ ވެރިން ވެސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، ދެ ގެ މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ވަނީ ދިވެހިރާއްޖެއާއި ސްރީލަންކާގެ ގާތް ގުޅުމުގެ މައްޗަށް އަލި އަޅުއްވާލައްވައި، ދެޤައުމުގެ ގުޅުން މުޞްތަޤްބަލުގައިވެސް ވަރުގަދަކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ޢުމަރު ޢަބްދުއްރައްޒާޤާއި، ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް، ޞަބްރާ އިބްރާހީމް ނޫރައްދީން ބައިވެރިވެ ވަޑައިގެންނެވިއެވެ.