މުޅިދުނިޔެއަށް ކުރިމަތިވި ކޯވިޑް-19 ވަބާގެ ސަބަބުން ބަންދުކުރަން ޖެހުނު އަވަށްޓެރި ސްރީލަންކާގެ ބޯޑަރުތައް، މިއަދު ފަތުރުވެރިންނަށް ހުޅުވާލައިފި އެވެ.
ފަތުރުވެރިން މެދުގައި ދެކުނު އޭޝިޔާ ސަރަހައްދުން މަގުބޫލުކަން ހޯދާފައިވާ އެއް މަންޒިލް ގޮތުގައި ހިމެނޭ، ސްރީލަންކާގެ ބޯޑަރުތައް މިއަދު ފަތުރުވެރިންނަށް މި ހުޅުވައިލީ، ކޯވިޑާއި ގުޅިގެން އެ ގައުމުގެ ބޯޑަރުތައް ބަންދުކޮށްފައި އޮންނަތާ 10 މަސް ފަހުން ނެވެ.
ލަންކާގެ ޓުއަރިޒަމް ޕްރޮމޯޝަން ބިއުރޯ (އެސްއެލްޓީޕީބީ) އިން ބުނެފައި ވަނީ އެގައުމު ފަތުރުވެރިނަށް ހުޅުވައިލީ ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތައް އެޅުމަށް ފަހު ކަމަށެވެ. އަދި އެ ފިޔަވަޅުތައް ވަޒަން ކުރުމަށްޓަކައި ފުރަތަމަ ޔޫކްރެއިން އިން ވަނީ 1،500 ފަތުރުވެރިން މިދިޔަ މަހު އެ ގައުމަށް ގެންގޮސްފައެވެ.
ފަތުރުވެރިން އެ ގައުމަށް ޒިޔާރަތް ކުރާއިރު ކޯވިޑް-19އަށް ޓެސްޓު ކޮށްފައިވާ ނެގެޓިވް ނަތީޖާއެއް ކޮންމެ ފަތުރުވެރިއެއްގެ އަތުގައިވެސް އޮންނަން ޖެހެއެވެ. އަދި އެ ނަތީޖާއަކީ 72 ގަޑިއިރު ހަމަ ނުވާ ނަތީޖާއަކަށް ވުން ލާޒިމެވެ. އަދި ފަތުރުވެރިއަކު މަޑުކުރާ ހޮޓަލަށް ގޮސް، 7 ދުވަސްފަހުން އަނެއްކާވެސް ކޯވިޑަށް ޓެސްޓު ކުރަން ޖެހެއެވެ.
އެގައުމަށްދާ ފަތުރުވެރިޔަކަށް ކޯވިޑް ޖެހި، ބަލީގެ އަލާމާތްތައް ނުފެންނަ ނަމަ އެމީހަކު ހޮޓެލުގައި އެކަހެރި ކުރާނެ އެވެ. އަދި އަލާމާތްތައް ފެންނަ ނަމަ ހޮސްޕިޓަލަށް ގެންދާ ގޮތަށް އެ ގައުމުން ވަނީ އުސޫލު އެކުލަވާލައި ފައެވެ. ފަތުރުވެރިންގެ ގޮތުގައި ލަންކާއަށް ޒިޔާރަތް ކުރާ މީހުން ކޯވިޑް އިންޝުއަރަންސް ޕެކޭޖެއް ގަންނަން ޖެހޭގޮތަށް އެ އުސޫލުގައި ވަނީ ހަމަޖައްސާފައެވެ.
ލަންކާއިން ވަނީ އެގައުމަށް ދާ ފަތުރުވެރިން ބޭތިއްބުމަށް 180 ހޮޓެލް ހާއްސަކޮށްފަ އެވެ. އަދި އެމީހުން ދަތުރު ކުރަން ޖެހޭނީ އާއްމު ރައްޔިތުންނާ ދިމާ ނުވާ ގޮތަށް "ޓްރެވެލް ބަބުލް"ތަކުގައި، 14 ޓުއަރިޒަމް ޒޯނަކަށް ކަމަށް ކަނޑައަޅާފަ އެވެ. ނަމަވެސް ލަންކާއަށް އެތެރެވާ ފަތުރުވެރިންނަށް 14 ދުވަހުގެ ކަރަންޓީނު ލާޒިމެއް ނޫނެވެ. ދުރާލާ ބުކިންގް ހަދާފައިވާ ހޮޓާތަކުގެ ޕޫލްތަކާއި، ޖިމްތައް ބޭނުން ކުރުމުގެ ފުރުސަތުވެސް ފަތުރުވެރިންނަށް އޮވެއެވެ.
ލަންކާ ސަރުކާރުން އެ ގައުމު ކޯވިޑުން ރައްކާތެރިކޮށް، ބަލި ފެތުރުން ހުއްޓުވުމަށް އެގައުމުގެ ބޯޑަރުތައް ބަންދު ކުރީ 2020 ވަނަ އަހަރުގެ މާޗް މަހު އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!