ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވައިލާ ޓޫރިޒަމް ދާއިރާގެ މާސްޓާ ޕްލޭންގެ މަސައްކަތް އިފްތިތާހްކުރުމަށް ބޭއްވި ޖަލްސާގައި ހދ އަތޮޅުގައި ފަތުރުވެރިންކަން ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅޭ އެއްވެސް ޕްލޭނެއް ހާމަކޮށްފައިނުވާތީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފް ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

މީހުން ދިރިއުޅޭ ބިން ބޮޑެތި ރަށްރަށުގައި ރަށު ފަތުރުވެރިކަން ތަރައްޤީ ކުރުމަށްޓަކައި ބީލަމުގެ އުސޫލުން ބިންތަކެއް ދޫކުރުމަށް ސަރުކާރުން ނިންމާ މިކަން ހާމަކުރައްވާފައިވަނީ ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް އިފްތިތާހު ކުރުމަށް "ޖަޒީރާ ރާއްޖެ – މަގޭ ރާއްޖެ" މިނަމުގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ..

Ad
rt

މިޖަލްސާގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ބިން ދޫކުރުމަށް ނިންމި 11 ރަށެއް ރައީސް ވަނީ އިއުލާންކުރައްވާފަ އެވެ. ހދ އަތޮޅުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭން އެއްވެސް ވަރަކަށް ހާމަކޮށްފައިނުވެ އެވެ.

މެމްބަރު ޔާސިރު ރޭ ކުރެއްވި ޓްވީޓްގައި ބުނެފައިވަނީ ޓޫރިޒަމް ސެކްޓަރގައި ސަރުކާރުތަކުން އެންމެ ބޮޑު އިހުމާލެއްވެފައިވަނީ ހދ އަތޮޅަށް ކަމަށާއި ހިތާމަވެރި ރެޔެއްކަމަށާއި ފަތުރުވެރިކަމުގެ ޖަލްސާ ހދ އަތޮޅުގެ އެއްވެސް ހިލަމެއް ނެތި ހަފުލާ ނިމިގެން ދިޔުމުން ހިތާމަކުރާ ކަމަށެވެ.

"ވަރަށްވެސް ފުރިހަމަ އުންމީދީ ބަސްތަކެއް، ނުވަންދެން ވާނެކަމަށް ޔަގީންކޮށްގެން މިހުންނަނީ. އެހެންނަމަވެސް މިރެޔަކީ ވަރަށް ހިތާމަވެރި ރެޔެއް. ޓޫރިޒަމް ސެކްޓަރގައި އެންމެ ބޮޑަށް އިހުމާލުވެފައިވާ ހދ ގެ އެއްވެސް ހިލަމެއް ނެތި ހަފުލާ ނިމިގެން ދިޔުމުން ހިތާމަކުރަން. މިހާލަތުން ވީލެން ޖެހޭ." ޔާސިރުގެ ޓްވީޓްގައިވެ އެވެ.